އިންޑިއާއިން އެތެރެ ކުރާ ބޭސްތައް ދެވަނަ ފަހަރަށް ޓެސްޓު ކުރަން ނުޖެހި ރާއްޖެއަށް އެތެރެ ކުރެވޭ ގޮތް ހަދަނީ

Advertisement

އެންމެ ފަސް

Advertisement

އިންޑިއާއިން އެތެރެކުރާ ބޭސްތައް ދެވަނަ ފަހަރަށް ޓެސްޓްކުރަން ނުޖެހި، އިންޑިއާގެ އުފެއްދުންތެރިން ދޫކުރާ ސެޓްފިކެޓް އޮފް އެނަލިސިސް ސީދާ ބަލައިގަނެވޭނެ ނިޒާމެއް ޤާއިމު ކުރަން އެއްބަސްވެއްޖެ އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި އިންޑިއަން ފާމަކޯޕީއަ ކޮމިޝަން (އައިޕީސީ) އާ ދެމެދު ފާމަކޯޕީއާ އެއްބާރުލުމާ ބެހޭ އެމްއޯޔޫގައި ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި ޞިއްޙީ ދާއިރާގެ އެއްބާރުލުން އިތުރަށް ވަރުގަދަކޮށްދޭނެ މުހިންމު ބިންގަލެކެވެ.

މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖެއިން އިންޑިއަން ފާމަކޯޕީއަ (އައިޕީ) ބަލައިގަންނާނީ ރާއްޖޭގައި އުފައްދާ އަދި އިމްޕޯޓްކުރާ ބޭސްތަކުގެ މިންގަނޑުތައް ކަނޑައަޅާ ރަސްމީ ފޮތެއްގެ ގޮތުގަ އެވެ. މީގެ ސަބަބުން އިންޑިއާއިން އެތެރެކުރާ ބޭސްތައް ދެވަނަ ފަހަރަށް ޓެސްޓްކުރަން ނުޖެހި، އިންޑިއާގެ އުފެއްދުންތެރިން ދޫކުރާ ސެޓްފިކެޓް އޮފް އެނަލިސިސް ސީދާ ބަލައިގަނެވޭނެ ނިޒާމެއް ޤާއިމުވެގެންދާނެ އެވެ.

މި އެމްއޯޔޫގެ ސަބަބުން ފެންވަރު ބެލުމުގެ ތަޙްލީލުތަކަށް ބޭނުންވާ އިންޑިއަން ފާމަކޯޕީއާ ރެފަރެންސް ސްޓޭންޑަޑްސް (އައިޕީއާރްއެސް) އަދި އިމްޕިއުރިޓީ ސްޓޭންޑަރޑްސް އެކަށީގެންވާ އަގުތަކެއްގައި ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ޖެނެރިކް ބޭސްތައް ތައްޔާރުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ހުޅުވި، ދިވެހިރާއްޖޭގައި ހެޔޮއަގުގައި ބޭސް ލިބުމަށް މަގުފަހިވެގެންދާނެ އެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އިންޑިއަން ފާމަކޯޕިއާ ކޮމިޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އިންޑިޔާގެ ހައި ކޮމިޝަނަރު ޝްރީ ޖީ. ބަލަސުބްރަމާނިއަން އެވެ. އަދި އެމްއެފްޑީއޭގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ބޭސް ރެގިއުލޭޓްކުރުމުގެ އޮނިގަނޑާއި ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް އިންޑިއާ ސަރުކާރުން ދެއްވާ މުހިންމުކަން ދައްކުވައިދޭ ކަމެއްކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ނާޒިމް ވަނީ އިންޑިއާ ސަރުކާރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަ އެވެ.

މި މަސައްކަތަކީ ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ފެއްޓެވި މަސައްކަތެކެވެ. އެ ދަތުރުފުޅުގައި އިންޑިޔާއިން ރާއްޖޭގައި ޖެނެރިކް ބޭސް ލިބޭނެ ގޮތް ހަދަން އުޅޭ ކަން އިއުލާން ކުރި އެވެ. އެގޮތުން އޭރު އިންޑިޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރި، ފެންވަރު ރަނގަޅު އަދި އަގުހެޔޮ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ. މީގެ އިތުރުން، އިންޑިޔާގެ ހޮސްޕިޓަލްތަކާއި ފެސިލިޓީތަކާ އޮންނަ ގުޅުން ކުރިއެރުވުމާއި، ރާއްޖޭގައި ސިއްޙީ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި މަސައްކަތްކުރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ ސިއްޙީ ރައްކާތެރިކަމުގެ މަސައްކަތް ކުރުމަށްޓަކައި މުޅި ރާއްޖޭގައި އިންޑިޔާ-މޯލްޑިވްސް ޖާން އައުޝަދީ ކެންދްރާތަކުގެ އައުޓްލެޓްތައް ޤާއިމުކުރާނެ ކަމަށްވެސް އޭރު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާ ސަފީރު ޖީ ބަލަސުބްރަމާނިއަން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ