މާލޭ ސަރަހައްދުން މިދިޔަ އަހަރުގެ ތެރޭގައި ޖުމުލަ 228،056.35 ޓަނުގެ ކުނި އުކައިލާފައިވާކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފި އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މި މައުލޫމާތު ހާމަ ކުރީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން މި މަހުގެ ފަސްވަނަ ދުވަހު އެ ބިއުރޯއިން އާންމުކުރި ތަފާސް ހިސާބުތަކުގަ އެވެ.
މި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މާލެ ސަރަހައްދުން އެކަނި ވެސް މިދިޔަ އަހަރު 922 ޓަނުގެ ޕްލާސްޓިކް ކުނި އުކައިލައިފައިވެ އެވެ.
މިދިޔަ އަހަރު އެންމެ ގިނައިން ޕްލާސްޓިކު ކުނި އުކައިލާފައިވަނީ ޖުލައި، އޯގަސްޓު، ސެޕްޓެމްބަރު އަދި ނޮވެމްބަރު މަހުއެވެ. އެގޮތުން ޖުލައި އަދި އޯގަސްޓު މަހު 80 ޓަނުގެ ޕްލާސްޓިކް އުކައިލިއިރު، ސެޕްޓެމްބަރު މަހު 116 ޓަނުގެ ޕްލާސްޓިކް އުކައިލާފައިވެއެވެ. އެންމެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކުނި އުކައިލާފައިވަނީ ނޮވެމްބަރު މަހު ކަމަށްވާއިރު، އެ މަހު 135 ޓަނުގެ ޕްލާސްޓިކް ކުނި އުކައިލާފައިވެއެވެ.
މާލެއިން އުކާލި ޖުމުލަ ކުނި
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު މާލެ ސަރަހައްދުން ޖުމުލަ 228،056.35 ޓަނުގެ ކުނި އުކައިލާފައިވެއެވެ. މީގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މިކްސްޑް ވޭސްޓް ކަމަށްވާއިރު، އެއީ 131،713 ޓަނެވެ. ދެން އެންމެ ގިނައީ 44،684 ޓަނުގެ ތެތްކުންޏެވެ. އަދި 22،124 ޓަނުގެ ވެއްޔާއި، 11،592 ޓަނުގެ ބަލްކް ކުނި އުކައިލާފައިވެއެވެ. މީގެ އިތުރުން ޑްރައި ވޭސްޓްގެ ގޮތުގައި އުކާލި ކުނީގެ އަދަދު ޓަނަކަށްވެސް ނާރާކަން މި ތަފާސްހިސާބުން އެނގެ އެވެ.
މާލޭ ސަރަހައްދުގައި އުފެދޭ ކުނީގެ ނިސްބަތް، އިތުރުވަމުން އަންނަ އާބާދީއާއެކު އަންނަނީ އިތުރުވަމުންނެވެ. ޕްލާސްޓިކް ކުނި އުފެދޭ މިންވަރު އިތުރުވަމުން ދާއިރު، ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް އަމާޒުކޮށްގެން ގިނަ ކެމްޕެއިންތަކެއް ވެސް އަންނަނީ ހިންގަމުންނެވެ. ޕްލާސްޓިކް ކުނި އިތުރުވުމަކީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ވެސް ގެއްލުންހުރި ކަމެއް ކަމަށް ތިމާވެށީގެ މާހިރުން ފާހަގަކުރެއެވެ.