މިއަހަރު ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިބްރާހިމް ތާރިޤް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މިނިސްޓަރ ތާރިޤް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ މިއަހަރު 2.2 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށާއި، ނަމަވެސް މިހާރު ފަތުރުވެރިން އަންނަ މިންވަރަށް ބަލާއިރު އެއަށްވުރެ އިތުރު އަދަދަކަށް ވާސިލުވެވޭނެ ކަމަށް ލަފާކުރެވެ އެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި މިއަދު ރާއްޖެއަށް އެއް މިލިޔަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަމާޒަށްވުރެ އިތުރަށް ފަތުރުވެރިން ގެނައުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތަކުން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި މާކެޓިންގގެ މަސައްކަތްތައް ވެސް އިތުރަށް ހަރުދަނާކުރަމުންދާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 979,958 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.4 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މި މުއްދަތުގައި އެވްރެޖްކޮށް ދުވާލަކު 6,363 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.
މިވަގުތު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިން ކަމަށްވާއިރު، މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 117,874 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ ޖުމުލަ ފަތުރުވެރިންގެ 12 އިންސައްތަ އެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިން (107,518) ކަމަށްވާއިރު، ތިންވަނައިގައިވަނީ އިނގިރޭސިވިލާތް (99,671) އެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން