ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާ ދެމެދު ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް މިއަދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެކެވެ. މީގެ އިތުރުން ’މަންސާ‘ ގެ ނަމުގައި ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްއެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ދިމާކޮށް، 3 އޮކްޓޯބަރ 2025 ގައި ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ގޮނޑުދޮށާއި ކަނޑުފަޅުގެ މާހައުލުތައް ރައްކާތެރިކޮށް، ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ބާރުއެޅުމެވެ.
މި ޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ ކުނީގެ އޮޑިޓްއެއް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްކުރެވޭ ކުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެހީއާއެކު ރައްކާތެރިގޮތެއްގައި މެނޭޖްކުރެވޭނެއެވެ. މީގެ އިތުރުން، އެ ދުވަހުގެ ރޭގަނޑުގައި ’މަންސަ‘ ގެ ނަމުގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއްވެސް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ހަރަކާތްތަކަކީ ދުނިޔޭގެ އަދި ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ހިންގޭ ހަރަކާތްތަކެކެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރެވެނީ 27 ސެޕްޓެމްބަރުގައި ކަމަށްވާއިރު، މި އަހަރުގެ ޝިއާރަކީ ’ފަތުރުވެރިކަމާއި ދެމެހެއްޓެނެވި ބަދަލު‘ އެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަމުގެ ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު 3 ވަނަ ދުވަހުއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް