ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް މާސްޓާ ޕްލޭންގެ ތެރެއިން މަގުފަހި ވާނެ: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

ގްރޭޓާ މާލެ ސަރަހައްދުގައި ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް ހުޅުމާލެ މާސްޓާ ޕްލޭންގެ ތެރެއިން މަގުފަހި ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ހުޅުމާލެ މާސްޓާ ޕްލޭން ރިވައިސްކޮށް ބޮޑެތި އިންގިލާބީ ބަދަލުތަކަކާއެކު އަލުން އިފްތިތާހު ކުރުމަށްޓަކައި މިއަދު ހުޅުމާލެ ފެސް 2 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އަރިހުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެމްޑީ މައުރޫފް ޖަމީލާއި ހައުސިން އެންޑް ކޮސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރުމަކީ އެމަނިކުފާނު ވަރަށް ބޭނުންފުޅުވާ ކަމެއްކަމަށެވެ.

މާލޭގައި ވެރިކަމުގެ އެޑްމިނިސްޓްރޭޓިވް ސީޓް ގާއިމުވެފައިވާ ގޮތަށް އެއަށް ކޮމްޕްލިމެންޓް ކުރަން ފައިނޭންޝަލް ސީޓަކީ ހުޅުމާލެ ކަމުގައި ހެދުމަކީ އަޅުގަނޑު އެންމެ ބޭނުންވާ، ގުޅިލާމެހިފައިވާ ދެމެހެއްޓެނިވި ތަރައްގީ އަކީ.

ދާދި ފަހުން އިފްތިތާހު ކުރެވިގެން ދިޔަ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަޝްރޫއަކީ، ހުޅުމާލެ ފައިނޭންޝަލް ކެޕިޓަލަށް ހެދުމުގެ ކަންކަން ހަގީގަތަކަށް ހެދުމަށް ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ރައީސް މުއިއްޒު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގެ މީހުން އާބާދުވެގެން ދާއިރު އެ ތަންތަނުގައި ހިތްހަމަ ޖެހިގެން ރައްޔިތުންނަށް ދިރިއުޅެވޭނެ މަގު މި މާސްޓާ ޕްލޭންގެ ތެރެއިން ފަހިވެގެންދާކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުގެ ހުރިހާ މުއައްސަސާއަކުންވެސް މި މާސްޓާ ޕްލޭން ހަގީގަތަކަށް ހެދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް އެއްބާރުލުން ދޭނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ހުޅުމާލޭގެ އާ މަސްޓާ ޕްލޭން ރިވައިސް ކުރި އިރު ގެނައި ބައެއް މުހިންމު ބަދަލުތަކުގެ ތެރޭގައި ބަނދަރު ސަރަޙައްދު 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުމާއި ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ޖުމްލަ 11 ކަނެކްޝަނަކުން ގުޅާލުން ހިމެނެ އެވެ.

ހުޅުމާލެ މާސްޓާ ޕްލޭންގައި އެކި ކަންކަމަށް ބިން އެލޮކޭޓްކޮށްފައިވާ ގޮތަށް ބަލާއިރު ރެޒިޑެންޝަލް ބޭނުންތަކަށް 29.85 އިންސައްތަ ވަނީ ކަނޑައަޅާފަ އެވެ. ސްކޫލްތަކާއި މިސްކިތްތަކާއި އިދާރަތައް އިމާރާތް ކުރުމަށް 10.41 އިންސައްތަ ކަނޑައަޅާފައިވާއިރު ގްރީން ސްޕޭސް، ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ 30.62 އިންސައްތަ ކަނޑައަޅާފަ އެވެ.

މަސްޓާ ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުޅުމާލޭގެ މާސްޓަރ ޕްލޭންގެ 3ޑީ މޮޑަލްއެއް ވަނީ ދައްކާލައިފަ އެވެ. މީގެ އިތުރުން ހަމަ މި ރައްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފް ވަނީ އެޗްޑީސީގެ އާ ވެބްސައިޓްވެސް އިފްތިތާހުކޮށްދެއްވާފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ