ހުޅުމާލެ މާސްޓާ ޕްލޭން ރިވައިސްކޮށް އިނގިލާބީ ބޮޑެތި ބަދަލުތަކަކާއެކު އަލުން އިފްތިތާހުކޮށްފި އެވެ.
ރިވައިސްކޮށްފައިވާ ހުޅުމާލެ މާސްޓާ ޕްލޭން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ޕްލޭން އިފްތިތާހުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގައި ބޭއްވުނު ހައްސަ ރަސްމިއްޔާތެއްގަ އެވެ.
މިއަދު އިފްތިތާހު ކުރެވިގެން ދިޔަ މާސްޓާ ޕްލޭންއަކީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީގެ ބޭނުންތަކަށް އަމާޒުކޮށް އެކުލަވާލާފައިވާ ޕްލޭނެއް ކަމަށާއި މި ޕްލޭންގައި މިހާރު އިތުރަށް ހިއްކާފައިވާ ބިންތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިފުމަށް ރާވާފައިވާ ގޮތް ހިމަނާފައިވާނެކަމަށް އެޗްޑީސީން ބުނެ އެވެ.
އެންމެ ބޮޑު ބަދަލަކަށް ފޭސް 2 އާއި ފޭސް 3 އެއްފަސްކޮށްލުން
ހުޅުމާލޭގެ އާ މާސްޓަރ ޕްލޭންގެ ދަށުން ގެންނަ އެންމެ ބޮޑު އެއް ބަދަލަކީ ހުޅުމާލޭގެ ފޭސް 2 އާއި ފޭސް 3 އެއްފަސްކުރުމެވެ. އެޗްޑީސީން މިކަން ނިންމާފައިވަނީ އާންމު ޚިދުމަތްތަކާއި ދަތުރުފަތުރުގެ ނިޒާމު ފަސޭހަކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. މިގޮތަށް އެއްފަސްކުރާނީ މިހާރު ފޭސް 1 އާއި 2ގެ ދެމެދުގައި އޮންނަ ޗެނަލްއާ ހަމައަށެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ބަދަލާއެކު ކުރި އެންމެ ކަނެކްޝައެއް މެދުވެރިކޮށް، ފޭސް 3 އަށް، އަސާސީ ހިދުމަތްތައް ފޯރުކޮށްދޭގޮތަށް އޮތްނަމަވެސް، އަލަށް ގެނެވުނު ބަދަލާއެކު 11 ކަނެކްޝަންއެއް ނުވަތަ މަގެއް މެދުވެރިކޮށް ފޭސް 3 އަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެ އެވެ. އެއީ ކަރަންޓާއި، ފެން އަދި އެހެނިހެން އަަސާސީ ހިދުމަތްތަކުގެ މައި ކަނެކްޝަންތައް ގުޅާލުމަށް ބޭންކުރާނެ 11 މަަގެވެ.
ހުޅުމާލެ ބަނދަރަށް ބޮޑު ބަލެއް
އާ މާސްޓަރ ޕްލޭންގެ ދަށުން ހުޅުމާލޭގެ ބަނދަރަށްވެސް ގެންނަނީ ބޮޑެތި ބަދަލުތަކެކެވެ. މި ބަނދަރު ތަރައްގީކުރަން ރާވާފައިވަނީ ހުޅުމާލެ ފޭސް 1ގެ ހުޅަނގު ފަރާތާއި ފޭސް 3ގެ ދެކުނު ފަރާތުގަ އެވެ.
މި މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރުގެ ޓާމިނަލްއެއް ގާއިމުކުރެވޭނެ އެވެ. މި ޓާމިނަލްއަކީ ރަސްމާލެ އާއި ރަށްރަށާ ދެމެދު ދަތުރުކުރާ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރެވޭނެ ތަނެކެވެ. މީގެ އިތުރުން، 316 ޑިންގީ ނުވަތަ ސްޕީޑުބޯޓަށް ޖާގަ ލިބޭ ސްޕީޑްބޯޓު މެރީނާއެއް ވެސް މި ބަނދަރުގައި ހިމެނޭނެއެވެ.
ބަނދަރުގެ މުހިންމު ބައެއްގެ ގޮތުގައި 75 ސަފާރީ އަޅާފައި ބޭއްވޭ ވަރުގެ ސަފާރީ މެރިނާއެއް ވެސް ހިމެނެ އެވެ. އަދި ޓީ ޖެޓީއަކާއި އެ ޖެޓީގެ ކައިރީގައި މުދާ ގުދަންކުރެވޭ ޑިސްޓްރިބިއުޝަން ސެންޓަރެއް ގާއިމުކުރެވޭނެ އެވެ. މި ބަނދަރުގައި ގުދަންތަކާއި ވޯކްޝޮޕްތައް ހިމެނޭނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއެވެ. އަދި ކުނި ޖަމާކުރާ ސަރަހައްދެއް ވެސް ހިމެނޭނެއެވެ.
—— ހުޅުމާލެ އައު މާސްޓަރޕްލޭންގެ ވިޑިއޯ
އާ ލޭންޑް ޔޫސް ޕްލޭންގައި ޚާއްސަ ސަމާލުކަމެއް ދީފައިވަނީ ހުސް ތަންތަނާއި ފެހި ސަރަހައްދުތައް އާންމުންނަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ބައްޓަންކުރުމަށެވެ. މިގޮތުން ކޮންމެ މީހަކަށް 2.5 އަކަ މީޓަރުގެ ހުސް ޖާގަ ކަނޑައަޅާފައިވާއިރު، މުޅި ސަރަހައްދުގެ 30.62 އިންސައްތަ ޖާގަ ވަނީ ގްރީން ސްޕޭސް، ސްޕޯޓްސް އަދި ރެކްރިއޭޝަނަލް ބޭނުންތަކަށް ޚާއްސަކޮށްފައެވެ.
ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށް، ބިންތައް ބެހިފައިވާ ގޮތަށް ބަލާއިރު، ރެޒިޑެންޝަލް ބޭނުންތަކަށް 29.84 އިންސައްތަ، ސްކޫލްތަކާއި މިސްކިތްތަކާއި އިދާރާތަކަށް 10.41 އިންސައްތަ، އަދި ކޮމާޝަލް ބޭނުންތަކަށް 5.56 އިންސައްތަ ބިން ވަނީ ކަނޑައަޅާފައެވެ.
މަސްޓާ ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުޅުމާލޭގެ މާސްޓަރ ޕްލޭންގެ 3ޑީ މޮޑަލްއެއް ވަނީ ދައްކާލައިފަ އެވެ. މީގެ އިތުރުން ހަމަ މި ރައްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފް ވަނީ އެޗްޑީސީގެ އާ ވެބްސައިޓްވެސް އިފްތިތާހުކޮށްދެއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އަރިހުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެމްޑީ މައުރޫފް ޖަމީލާއި ހައުސިން އެންޑް ކޮސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް
