ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރާތީ ހުޅުމާލޭގެ ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަރަންޓު ކެނޑޭނެކަމަށް ލަފާ ކުރެވެނީ ހުޅުމާލެ ފޭސް 1، ނިރޮޅުމަގު އަދި ޗަންބޭލީމަގު ގޯޅި 7 އަދި 9 ހިމެނޭ ސަރަޙައްދުން ކަމަށެވެ.
ކަރަންޓު ކެނޑޭނެކަމަށް ލަފާ ކުރެވޭ ވަގުތެއްކަމުގައި ސްޓެލްކޯއިން ބުނެފައިވަނީ މެންދުރުފަހު 14:00 އާއި 15:00 އާ ދެމެދު އެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފަ އެވެ.
ސްޓެލްކޯއިން މިއަދު މާލޭގައިވެސް ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއްކޮށްފައިވެ އެވެ. އެގޮތުން އެ މަސައްކަތް ކުރިއަށް ދިޔަ ވަގުތު އަމީރު އަހުމަދު މަގު،ހިތްފަސޭހަ ގޯޅި ހިމެނޭ ސަރަޙައްދުން ހެނދުނު 09:30 އާއި 11:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ބުނެ ސްޓެލްކޯއިން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށްފަ އެވެ.



