ކުވޭތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ރާއްޖެއަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓަރު ހަލީލް ކުވޭތަށް ކުރެއްވި މި ދަތުރުފުޅަކީ ކުވޭތުގެ ހާރިޖީ ވަޒީރު އަބްދުﷲ ޢަލީ އަލް ޔަހްޔާގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅަކީ ދިވެހިރާއްޖެއާއި ކުވޭތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަހުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެގައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ ގޮތުން ކުރެވުނު ދަތުރުފުޅެއްކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ހަލީލްވަނީ އެކްޓިން ޕްރައިމް މިނިސްޓާ އަދި މިނިސްޓާ އޮފް އިންޓީރިއާ ޝެއިހު ފަހަދު ޔޫސުފު ސައުދު އަލް-ސަބާގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ. އަދި ކުވޭތުގެ ހާރިޖީ ވަޒީރު އަބްދުﷲ އަލީ އަލް ޔަހްޔާގެ އިތުރުން ކުވޭތު ސަރުކާރުގެ އިތުރު މިނިސްޓަރުންނާއި ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ކުވޭތާއި ދެމެދު އޮންނަ ޒަމާންވީ، ގާތް، ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވައި، ތަފާތު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން މިނިސްޓަރު ހަލީލް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ އިގްތިސޯދު ތަރައްގީކޮށް ސިންދަފާތުކުރުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާއި ސިއްހީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ބިނާރާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކަށް މިނިސްޓަރުގެ ބައްދަލުވުންތަކުގައި އަލިއަޅުއްވާލެއްވި އެވެ. އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަފާތު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ހަލީލްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާ އަދި ޕޮލިޓިކަލް ޑިރެކްޓަރ ފާތިމަތު ނަޝާ އިސްމާއީލް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖެ - ކުވެއިތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
