ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް އިއްޔެ ނިންމާލިއިރު 97 މަސައްކަތެއް ނިންމާފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވަނީ 103 މަސައްކަތެކެވެ. އޭގެ ކުރި ދައުރުގައި ނުނިމިހުރި 23 މަސައްކަތަކާއެކު ޖުމުލަ 126 މަސައްކަތެއް މި ދައުރުގެ ތެރޭގައި މަޖިލީހުންކޮށްފައިވެ އެވެ. އޭގެ ތެރެއިން ނުނިމި ހުރީ 29 މަސައްކަތެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި ދައުރުގެ ތެރޭގައި 19 ބިލެއްގެ މަސައްކަތްކޮށް 9 ބިލެއް ފާސްކޮށްފައިވެ އެވެ. ކޮމިޓީ މަރުހަލާގައި 9 ބިލެއް އޮތްއިރު 1 ބިލު އޮތީ ތަޅުމުގަ އެވެ.
އަހަރުގެ ފުރަތަމަ ދައުރު ނިންމުނު މަސައްކަތްތައް:
- ބިލު: 9
- ގަރާރު: 2
- ސަރުކާރުން ހުށަހެޅި މައްސަލަ: 37
- ރިޔާސަތުން ހުށަހެޅި މައްސަލަ: 7
- އިމްތިޔާޒުގެ މައްސަލަ: 0
- ކުއްލި މައްސަލަ: 3
- މެންބަރުން ހުށަހެޅުއްވި މައްސަލަ: 4
- އެހެނިހެން މައްސަލަތަކާ ގުޅޭ ރިޕޯޓު: 1
- ސުވާލު: 34
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި އެންމެ ގިނައިން ނުނިމި ހުރީ ވަޒީރުންނާ ކުރާ ސުވާލުތަކުގެ މައްސަލަތަކެވެ. އެގޮތުން 14 ސުވާލެއްގެ މަސައްކަތް ނުނިމި އެބަ އޮތެވެ.
މިދައުރުގެ ތެރޭގައި ފާސް ކުރެވުނު 9 ބިލުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ކުޅިވަރު ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލު ހިމެނެ އެވެ. ފާސް ކުރި ބިލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދެ ބިލަކީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގޭންގްތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލެވެ. މީގެ އިތުރުން ބަންޑާރަ ނައިބު އޮފީހުގެ ބިލު އިއްޔެ މަޖިލީހުން ފާސް ކުރި އިރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށްވެސް އިއްޔެ ވަނީ އިސްލާހު ގެނެސްފަ އެވެ.
މިވަގުތު މަޖިލީހުގައި ނުނިމި ހުރި މުހިންމު ބިލުތަކުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލާއި ބޯހިޔާވަހިކަމުގެ ބިލާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް