ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ހަމަޖައްސައިފި އެވެ.
މި ދެ ބޭފުޅުން ހަމަޖެއްސެވީ ޕީއެންސީގެ ސެނެޓު ބައްދަލުވުމެއްގައި ޕާޓީގެ ރަސްމީ އޮފީހުގަ އެވެ.
ކޮންގްރެސްގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހުށަހެޅުއްވުމަކަށް، ސެނެޓްގެ 123 މެންބަރުންގެ އިއްތިފާޤުން ވަނީ މި ދެ ބޭފުޅުން ނައިބު ރައީސްކަމުގެ މަޤާމަށް ހޮވިފަ އެވެ. މި ބައްދަލުވުމުގެ ކުރިން، މިހާރު އުވާލާފައިވާ ޕީޕީއެމްގެ ސެނެޓްގެ ގިނަ އަދަދެއްގެ ސެނެޓަރުން ވަނީ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
މި ދެ ބޭފުޅުންނާއެކު މިހާރު ޕީއެންސީގެ ނައިބު ރައީސުންގެ އަދަދު އަށް ބޭފުޅުންނަށް އިތުރުވެގެން ގޮސްފައިވެ އެވެ. މީގެ ކުރިން ތިއްބެވި ނައިބު ރައީސުންގެ ތެރޭގައި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް، މިނިސްޓަރު އާދަމް ޝަރީފް އުމަރު، މިނިސްޓަރު މުޙައްމަދު ސައީދު، އެލްޖީއޭގެ ސީއީއޯ ނިމާލް، ޔޫއޭއީއަށް ކަނޑައަޅުއްވައިފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހިމެނިވަޑައިގަންނަވަ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ޣައްސާނާއި ޝިޔާމަކީ މިހާރު އުވާލައިފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައި، އެ ޕާޓީ އުވައިލުމާ ހަމައަށް ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވުމެވެ. މި ދެ ބޭފުޅުން ޕީއެންސީގެ ނައިބު ރައީސްކަމަށް ހޮވިވަޑައިގަތުމާއެކު، ޕާޓީގެ ސިޔާސީ ހަރަކާތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޕާޓީން ބުނެ އެވެ.
ކޮންގްރެސް ޕާޓީ މިނިސްޓަރު އަހްމަދު ޝިޔާމް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން