މިއަދު އެމްޑީޕީން މުޒާހަރާކުރަނީ ގޮތް ހުސްވެ، އަމާންކަން ނަގާލާ، އަމިއްލަ ސިޔާސީ މަޤްސަދެއްގަ: މިނިސްޓަރ ޝިޔާމް

Advertisement

އެންމެ ފަސް

Advertisement

އެމްޑީޕީގެ ކުރީގެ ސަރުކާރުން ކޮށްފައިވާ ވައްކަންތަކާއި، އެ ސަރުކާރުގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކުގެ ވާހަކަ ފާހަގަކުރައްވަމުން، މިއަދު އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާއަކީ ޤައުމުގެ އަމާންކަން ނަގާލުމަށް ކުރާ މަސައްކަތެއް ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ޝިޔާމް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ސަރުކާރުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރުވެސް ވެގެންދިޔައީ ވައްކަންކުރުމަށް ލިބުނު ފުރުސަތަކަށެވެ. މިގޮތުން ވެންޓިލޭޓަރު، ކޮވިޑް ފެސިލިޓީތައް، ކޭޓަރިންގ އަދި މާސްކުން ފެށިގެން މަގު ހެދުމާއި، ހޮސްޕިޓަލްތައް އެޅުމާއި، ކުނި މެނޭޖްކުރާ ސެންޓަރުތައް ހެދުމުގެ ނަމުގައިވެސް ވައްކަންތައް ކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝިޔާމް ވިދާޅުވި ގޮތުގައި، އެމްޑީޕީ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި 64 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާއިރު، ވެރިކަން ނިމުނުއިރު މަސްވެރިންނަށް 250 މިލިއަން ރުފިޔާ ނުދައްކާ އޮތެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 8 ބިލިއަން ރުފިޔާ ދައްކަން އޮތް ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު ޑޮލަރުގެ އަގު މައްޗަށް ގޮސްފައިވަނީ އެމްޑީޕީ ސަރުކާރުން އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާ ޗާޕުކުރުމުގެ ސަބަބުން ކަމަށް ފާހަގަކުރައްވަމުން، މިކަމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ، ދިރިއުޅުމުގެ ޚަރަދުތައް އިތުރުވެ، އާއިލާތައް ނިކަމެތިވެފައިވާ ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

”ލޫޓުވައިފި ލޫޓުވައިފި“ ގެ ނަމުގައި މިރޭ 8:30 ގައި މާލޭގައި ބޭއްވުމަށް އެމްޑީޕީން ރާވާފައިވާ މުޒާހަރާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ، މިއީ ޤައުމުގެ އަމާންކަން ނަގާލައި، މަގުތައް ހަލަބޮލިކޮށް، އަމިއްލަ ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި ސަރުކާރުން ޤާނޫނު ތަންފީޒުކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި، ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމަށް ޖާގަ ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ މިނިސްޓަރު އަހްމަދު ޝިޔާމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ