ފުލުހުންގެ އަގު ވެއްޓުނީ ޑިމޮކްރަސީއާއެކު އައި ސިޔާސީ ވާދަވެރިކަމުގެ ސަބަބުން: މިނިސްޓަރު އިހުސާން

Advertisement

އެންމެ ފަސް

Advertisement

ފުލުހުންގެ އިދާރާގެ އަގު ވެއްޓުނީ ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްވި ފަހުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ރޭ ކުރިއަށް ދިޔަ ’އަހާ‘ ފޯރަމް ގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ސުވާލު ކުރި ފަރާތުން ވަނީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ކުރާ މަސައްކަތަކީ ކޮބައިތޯ ސުވާލުކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ އިދާރާގެ އަގު ވެއްޓުނީ ރާއްޖެއަށް ޑިމޮކްރަސީ އައި ފަހުން ކަމަށާއި އަދި އަގު ވެއްޓުމުގައި ފުލުހުންގެ އިދާރާގެ އެތެރޭގައި ހުރި މައްސަލަތަކެއްވެސް ހުރި ކަމަށެވެ. ރާއްޖެއަށް ޑިމޮކްރަސީ އައި ފަހުން އެކި އިދާރާތަކުގެ އަގު ވެއްޓުނުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ކޮންމެ ބަޔަކުވެސް އިދިކޮޅުގައި ތިބޭ އިރު ފުލުހުންނާ ދިމާ ކުރާ ކަމަށާއި ވެރިކަމަށް އަންނަ އިރަށް ފުލުހުންގެ މައްސަލައެއް ނުފެންނަ ކަމަށެވެ.

ސިޔާސީ ބޭނުމަށްޓަކާ ކޮންމެ ބަޔަކު ވެސް އިދިކޮޅުގައި ތިބޭއިރު ފުލުހުންނާ މި ދިމާކުރަނީ. އެކަމަކު ހަމަ އެ ފަރާތްތައް ވެރިކަމަކާ ހިސާބަށް އަންނަ ދުވަހު ފުލުހުން ހަމަ ބަރާބަރު. ދެން އެ މީހުންގެ ރަނގަޅު ކުރަން ޖެހޭ އެއްވެސް ކަމެއް ވެސް ނެތް.

މީގެ އިތުރުން ފުލުހުންގެ އިދާރާގެ އެތެރޭގައި ހުރި ބައެއް މައްސަލަވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ފުލުހުންގެ އިދާރާ ތެރޭގައި ޕްރޮފެޝަނަލްކޮށް ދޭން ޖެހޭ ބައެއް ހިދުމަތްތައް ނުދެވޭތީވެސް އިތުބާރު ގެއްލޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތަމްރީނު ވެގެން ތިބި ޕްރޮފެޝަނަލް ފުލުހުން ދިވެހި ރައްޔިތުންނަށް ހިދުމަތް ދޭން ނެރުން އެއީ އަޅުގަނޑުމެންގެ އަމާޒު. އެ ކަމަށް އެބަ ވާސިލްވޭ މިހާރު.

މި އަމާޒަށް ވާސިލްވުމަށް ކުރެވެމުންދާ މަސައްކަތުގެ ސަބަބުން ކުރިން ފުލުހުންގެ ތެރޭގައި ތަމްރީން ނުހަދާ ތިބި 1،000 ފުލުހުންގެ އަދަދު 300 އަށް ދަށް ކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ފުލުހުންގެ ހިދުމަތްތައް ކުރިއަށް ވުރެ އަވަސްކޮށް ތަހުގީގުތައްވެސް އަވަސް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިންވެސް އިދިކޮޅުގައި ތިބެ، ފުލުހުންގެ މުއައްސަސާއާ ”ތޮޅޭ ތޮޅުން“ ހުއްޓާލުމަށް ގޮވާލައްވާފަ އެވެ. އަދި ސިޔާސީ ކަންކަމުގެ ތެރެއަށް ދައުލަތުގެ މުހިންމު މުއައްސަސާތައް ނުވެއްދުމަށް އިހުސާން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން އަހާ ފޯރަމް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ