ފޯރަމް ތަކާއި އެއްވުން ތަކުގައި ނޫސްވެރިންނަށް ފުރައްސާރަ ނުކުރުމަށް އިލްތިމާސް ކޮށްފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން މިކަމަށް އިލްތިމާސްކޮށް ނޫސް ބަޔާން ނެރެފައިވަނީ ދާދި ފަހުން ކުރީގެ ރައިސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ޕީއެންއެފްގެ ޖަލްސާއެއްގައި ނޫސްވެރިއަކަށް ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
ބްރޯޑްކޮމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްވުންތަކާއި ފޯރަމްތަކުގައި ވަކި ވަކި ނޫސްވެރިންނަށް ފުރައްސާރަ ކުރާ މައްސަލަ އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ވަކި ވަކި ނޫސްވެރިންނާއި ގުޅިގެން މުހާތަބުކުރެވޭ އިރު ޒާތީ ތައައްސުބުން އެއްކިބާވެ އިހުތިރާމާއި އެކު ކޮންޓެންޓް ގެނެސްދިނުމަށް އިލްތިމާސްކުރާކަމަށް ބްރޯޑްކޮމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
މީޑިއާ ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ސިޔާސީ ޕްލެޓްފޯމްތަކާއި މީސްމިޑިއާގެ މަންސަތަކުގައި އެކި ބާވަތްތަކުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމާ ގުޅޭ ކަންބޮޑުވުންތަކެއް އެ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ހާއްސަކޮށް ވަކި ޖިންސަކަށް އަމާޒުކޮށް ދޭ އެފަދަ ފިނޑި ހަމަލާތައް އެ ކައުންސިލުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް ވެސް މީޑިއާ ކައުންސިލުން ވަނީ ބުނެފަ އެވެ.
ޒިންމާދާރު މަޤާމު ތަކުގައި ތިއްބަވާ ބޭފުޅުން ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަށް ގަނާ ކުރުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ ދަށަށް ހިނގައިދާނެ ފަދަ އަމަލެއްކަމަށް އެ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)