މޯލްޑިވްސް 2.0ގައި ގާއިމްކުރަނީ ދެފުށްފެންނަ ހާމަކަންބޮޑު ނިޒާމެއް ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް 2.0 ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ އިހުސާން ފާހަގަކުރެއްވި ގޮތުގައި މިހާރު ދައުލަތުގެ ކޮންމެ އިދާރާއެއްގައި ވަކި ޑޭޓާ ބޭސްތަކާއި، ވަކި ސާވަރުތަކާއި، ވަކި ސްޓޯރޭޖް ނިޒާމްތައް ހުރުމުގެ ސަބަބުން މައުލޫމާތު ތަކުރާރުވަމުންދާ ކަމަށެވެ. އަދި ގިނަ ސިސްޓަމްތަކަށް ވަކިވަކިން ޔޫސަރ އެކައުންޓްތައް ހަދައިގެން އެކި މީހުން އެކި ފަހަރު މަތިން ސިސްޓަމްތަކަށް ވަންނަން ޖެހޭކަންވެސް ފާހަގަކުރެއްވި އެވެ.
”ސިސްޓަމްތަކުގެ ހުރިހާ ޑޭޓާ ރައްކާތެރިކަމާއި ސަލާމަތްތެރިކަމާއެކު ހުރިކަން ކަށަވަރެއް ނުކުރެވޭ، ސިސްޓަމްތަކުގެ ސްޓެބިލިޓީ އަދި ސެކިއުރިޓީ ގާއިމްކުރެވިފައި ހުރީ އެތަނެއްގައި އެވަގުތު މަސައްކަތް ކުރަމުންދިޔަ މީހުންގެ ގާބިލްކަން ހުރި މިންވަރަށް,“ މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ އިހުސާން ވިދާޅުވި ގޮތުގައި މިއީ ހަރަދުބޮޑު، އުނދަގޫ، އަދި ދެފުށް ނުފެންނަ، ސަލާމަތީ ގޮތުން ބަލިކަށި ނިޒާމެއް ކަމަށާއި، މިއީ ކޮރަޕްޝަނަށް އާދަޔާ ހިލާފަށް މަގުފަހިވާ ނިޒާމެއްކަން ފާހަގަކުރެއްވި އެވެ. އަދި މިއީ މިއަދުގެ ގަބޫލުކުރާ މިންގަނޑަކާއި ޒަމާނަށް ފެތޭ ނިޒާމެއް ނޫންކަންވެސް ވިދާޅުވި އެވެ.
މި ހާލަތު ބަދަލުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް 2.0 ސިޔާސަތު ގެނެސް ތަންފީޒުކުރަން ފައްޓަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މި ސިޔާސަތުގެ ދަށުން ގާއިމްކުރެވޭ ނިޒާމަކީ ދެފުށް ފެންނަ، ހާމަކަންބޮޑު، އެއްވެސް ފަރުދެއް ނުވަތަ ރަށެއް ބާކީނުވާ ގޮތަށް ޚިދުމަތްދޭ ނިޒާމެއް ކަމުގައި ވިދާޅުވި އެވެ.
”މޯލްޑިވްސް 2.0ގައި އަޅުގަނޑުމެން ގާއިމްކުރާނީ ދައުލަތުގެ ހުރިހާ އިދާރާތަކެއް އެއް ސިސްޓަމަކުން ގުޅިފައިވާ، އެއް މައުލޫމާތެއް ދައުލަތުގެ އިދާރާތަކަށް ތަކުރާރުކޮށް ހުށަހަޅަން ނުޖެހޭ އިންޓަރއޮޕަރަބަލް ޑިޖިޓަލް ވިއުގައެއް,“ މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.