ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ އަމުރަކަށް، މަސްތުވާތަކެތީގެ ވިޔަފާރިތަކާ ދެކޮޅަށް ފުލުހުން މިއަދު ފަތިހު ފެށި ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް 97 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މި އޮޕަރޭޝަނަށް ދީފައިވާ ނަމަކީ ”އޮޕަރޭޝަން އަލިމަގު“ އެވެ.
އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން އެންމެފަހުން އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ، މި އޮޕަރޭޝަންގެ ތެރެއިން 86 ތަނެއް ބަލައި ފާސްކޮށް ނިންމާފައިވާ ކަމަށެވެ. އަދި ހައްޔަރުކުރެވުނު 97 މީހުންނަކީ ވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރެވުނު މީހުންނާއި ގުޅޭގޮތުން ”މިހާރު އޮންލައިން“ އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ހައްޔަރުކުރެވުނު އެންމެންނަކީ ވެސް މަސްތުވާތަކެތި ވިއްކުމުގެ ވިޔަފާރީގައި އުޅުނު މީހުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ”މި އެންމެންނަކީ [ޑްރަގް] ޑިސްޓްރިބިއުޓް ކުރުމުގައި އުޅޭ ބައެއް. ވިއްކާ މީހުން. މީގެ ތެރޭގައި ނުހިމެނޭ ވިޔަފާރި ނުކުރާ ބައެއް. މަސްތުވާތަކެތި ބޭނުންކޮށް އަދި ވިޔަފާރި ވެސް ކުރަނީ،“ މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން އިތުރަށް ވިދާޅުވީ، މިހާތަނަށް ހައްޔަރުކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރީގެ ހުރިހާ ފަންތިއެއްގެ މީހުން ހިމެނޭ ކަމަށެވެ. އެގޮތުން ކުދި، މެދުފަންތި އަދި އެންމެ މަތީ ފެންވަރުގެ ވިޔަފާރިވެރިން ވެސް ހިމެނޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ،
”އެ މީހުންގެ ބައިވެރިވުން އޮތް ވަރު މިހާރު ބަލަމުން މިދަނީ. މި މީހުންގެ ފަރާތުން ލިބޭ މައުލޫމާތުގެ އަލީގައި މިކަމާ ގުޅުން ހުރި މީހުން ވެސް ދެނެގަންނަމުން މި އަންނަނީ،“
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ ޕޮލިސް ކޮމިޝަނަރ އިސްމާއިލް ނަވީން މިއަދު ވިދާޅުވީ ރާއްޖެއިން ބޭރުގައި އުޅުނަސް ޑްރަގު ވިޔަފާރީގައި އުޅޭ އެންމެން ފަހަތުން ދިވެހި ފުލުހުން ދާނެކަމުގެ ޔަގީންކަންދޭ ކަމަށެވެ. އަދި ނަވީން ވިދާޅުވީ، ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރެވިފައިވާތީ، މިފަދަ އޮޕަރޭޝަނެއް ހިންގުމަށް ބޮޑު ލުޔެއް ލިބި، ރައްޔިތުންގެ ފަރާތުން ކުށް ކުރާ މީހުންނާ ގުޅޭ ގޮތުން ގިނަ މައުލޫމާތުތަކެއް ލިބެމުންދާ ކަމަށެވެ.
މި އޮޕަރޭޝަނަކީ ރައީސް މުއިއްޒުގެ ޚާއްސަ އަމުރަށް، މިއަދު ހެނދުނު 05:30 ގައި ފެށި އޮޕަރޭޝަނެކެވެ. މިއީ އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރުމަށް އަމާޒުކޮށްގެން، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން ހިންގަމުންދާ ބޮޑު މަސައްކަތެކެވެ.
ފުލުހުން ހާމަކުރާ ގޮތުގައި، ”އޮޕަރޭޝަން އަލިމަގު“ އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް
