ރާއްޖޭގައި ގާއިމްކުރެވިފައިވާ ޓެލަކޮމިއުނިކޭޝަންގެ ބިޔަ އިންފްރާސްޓްރަކްޗަރ އާއިއެކު ޑިޖިޓަލް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ޓްރޭޑްނެޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ ސައިދާ އުމަރު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް 2.0 ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައިދާ ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތުގައި ހިތްވަރު ގެނެސްދޭ އެއް ކަމަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ޒުވާން އާބާދީ ކަމަށެވެ. އަދި މި އާބާދީގެ ފުރިހަމަ ބޭނުން ހިފިއްޖެނަމަ ޑިޖިޓަލް ދާއިރާގައި މަތީ ހަރުފަތްތަކަކަށް ވާސިލުވުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
”ރާއްޖޭގެ ޒުވާނުންނަކީ ޓެކްނޮލޮޖީގެ އެކި މަންސަތަކަށް ފަރިތަ އަދި ސޯޝަލް މީޑިއާގެ މަންސަތަކަށް ފަރިތަ، ސްމާޓް ޑިވައިސްތައް ގެންގުޅޭ، ސްމާޓް ޓެކްނޮލޮޖީތަކަށް ފަރިތަ އަދި ސްމާޓް އެޕްލިކޭޝަންތައް ފުރިހަމައަށް ބޭނުންކުރާ އިޖާދީ މަސައްކަތްތަކަށް ބާރުދޭ އެކަންކަމަށް ޝައުގުވެރިވާ އާބާދީއެއް އޮތް ގައުމެއް،“ ސައިދާ ވިދާޅުވިއެވެ.
އެހެންނަމަވެސް، ޓެކްނޮލޮޖީގެ ގޮތުން ރާއްޖެ ކުރިއަރައިގެންދާ ދިއުމުގައި ފާހަގަކުރެވޭ އެއް ކަމަކީ ޓެކްނޮލޮޖީއާ އަރާ ހަމަކުރުމުގައި ދިވެހި ދައުލަތުގެ އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އަދިވެސް ފަހަތަށް ޖެހިފައި އޮތްކަން ކަމަށް ސައިދާ ފާހަގަކުރެއްވިއެވެ.
ނަމަވެސް މިހާރު ސަރުކާރުގެ ގިނަ މުއައްސަސާތަކުން ޚިދުމަތްތައް ރަނގަޅުކުރުމަށާއި، އެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޒަރީއާއިން ޚިދުމަތްތައް ދެމުން ގެންދާ ކަމަށް ސައިދާ ވިދާޅުވިއެވެ. އަދި ”ޑިޖިޓަލް ރޮނގުން އަޅުގަނޑުމެން ކުރިޔަށް ދިއުމަށް މި ރާއްޖެ އޮތީ ފައްކާވެފައި“ ކަމަށްވެސް ވިދާޅުވިއެވެ.
މިރޭ އިފްތިތާހުކުރެވުނު
ދިވެހިރާއްޖެ 2.0 އަކީ، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށްވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަސައްވުރެވެ. މިއީ ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ޚިދުމަތްތައް ހަލުވިކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ޚިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރެކެވެ.
މި ޕްލޭންގައި ޑިޖިޓަލް އައިޑެންޓިޓީ، ޑޭޓާ ހިއްސާކުރުން، ސައިބަރ ސެކިއުރިޓީ އަދި ޚިދުމަތް ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ 8 މައިގަނޑު ތަނބު ހިމެނެއެވެ.