”ވާނުވާ ބަންދު“ ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން އިއްޔެ ހުށަހެޅުއްވި ކަންކަމާމެދު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ކަމާގުޅޭ އިސް ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ރައީސް އޮފީހުގައި ބާއްވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި ”ވާނުވާ ބަންދު“ ގައި ތިބި ފަރާތްތަކަށް އެއް ފުރުޞަތު ދިނުމުގައި، އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއް ތަންފީޒުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން އާއި އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް އަދި ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ވާނުވާ ބަންދާ ގުޅޭގޮތުން ވަކާލާތުކުރައްވާ ފަރާތްތަކުން ފާހަގަކުރެއްވި ގޮތުގައި، ”އެހެން ސަރުކާރުތަކާ އަޅާބަލާއިރު މި ސަރުކާރުން ވާނުވާ ބަންދަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާ މިންވަރު ފާހަގަކުރެވޭ“ ކަމަށާއި، މި މަސައްކަތުން ރަނގަޅު ނަތީޖާއެއް ފެނުމުގެ އުންމީދު އެބައޮތް ކަމުގައެވެ.
އިއްޔެގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއް ކަމަށެވެ. އަދި މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ތެރެއިން، އެއް ފުރުޞަތު ދިނުމުގައި ދިމާވެދާނެ މައްސަލަތައް ބެއްލެވުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަދި އެޓަރނީ ޖެނެރަލާ މަޝްވަރާކުރައްވާނެ ކަމަށެވެ. މީގެއިތުރުން، ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ވަގުތީ ގޮތުންވެސް މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަންޑާރަ ނައިބުގެ އޮފިސް ބަންޑާރަ ނައިބް އަހުމަދު އުޝާމް ވާނުވާ ބަންދު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް
