ތެލަސީމިއާގެ އުނދަގޫ ބަރުދާސްކުރާ ކުދީންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން އެންމެން ލިބިގަންނަންވީ އީޖާބީ ފިލާވަޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ދުނިޔޭގެ ތެލަސީމިއާ ދުވަހާ ގުޅިގެން އެމަނިކުފާނު ދެއްވި ހިޠާބުގަ އެވެ. މި ހިޠާބުގައި ރައީސް މުއިއްޒު ވަނީ ތެލަސީމިއާގެ އުނދަގޫ ތަހައްމަލު ކުރާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ހެޔޮ ދުއާ ފޮނުއްވާފަ އެވެ.
ދިރިއުޅުމެއް ހޯދުމަށް ތެލަސީމިއާ ކުދިން އުފުލާ ބުރަ ލުއިކޮށްދިނުމަށް ކުރާ ކޮންމެ ކަމަކީ، ސަވާބު ލިބެނިވި ހެޔޮ އަމަލެއްކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ކުދިންގެ ފުރާނައިގެ ހައްގުގައި ހަދިޔާކުރާ ކޮންމެ ލޭތިއްކަކަށް ﷲގެ ޙަޟްރަތުން ދެއްވާނެ އަޖުރާއި ދަރުމަ ގިނަގުނަ ވެގެންވަކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ އެ ކުދިންނަށްޓަކައި ކުރާ ކޮންމެ ހެޔޮ ދުއާއަކާއި ހެޔޮ ފޯރުވުމެއްގެ ބަރަކާތާއި ރަޙްމަތް، ދުނިޔެއާއި އާޚިރަތުގައި ލިބޭނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި އާބާދީގެ ނިސްބަތުން ބަލާއިރު، ދިވެހިރާއްޖެއަކީ ތެލެސީމިއާ ކުދިންގެ އިންސައްތަ އެންމެ މަތީ އެއް ޤައުމެވެ. ”އަޅުގަނޑުމެންގެ އާބާދީގެ ކޮންމެ 18 މީހުންގެ ތެރެއިން އެކަކީ ތެލެސީމިއާ ވާރުތަވުމުގެ ފުރުޞަތު އޮތް ކެރިއަރެއް،“ ރައީސް ވިދާޅުވިއެވެ.
މި ހާލަތާ ގުޅިގެން، ރާއްޖޭގައި ތެލެސީމިއާއާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމާއި ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ތެލެސީމިއާއިން އުޅޭ ކުދިންނަށް ގަވާއިދުން ފަރުވާ ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެކަނި ފަރުވާއެއް ނޫން. އެ ކުދިންނާ އޯގާތެރިކޮށް މުޢާމަލާތު ކުރުމާއި، އުނގަންނައިދިނުމާއި، އާމްދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި، އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން، މި ޤައުމުން ލިބިދޭ ހުރިހާ ފުރުޞަތަކާއި ޙައްޤުތަކެއްވެސް އެ ކުދިންނަށް ފުރިހަމައަށް ލިބިދެވޭނެކަން ޢަމަލާއި ބަހުން އަޅުގަނޑުމެން ސާބިތުކޮށްދޭން ޖެހޭ
ރިޔާސީ އިންތިޚާބުގައި ތެލެސީމިއާ ކުދިންނަށްޓަކައި އެމަނިކުފާނު ހާމަކުރެއްވި ތަޞައްވުރާއި ވީ ވަޢުދުތައް މާތްﷲގެ ވާގިފުޅާއެކު ހަޤީޤަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް މުއިއްޒު ދެއްވި އެވެ.
މީގެ އިތުރުން ތެލަސީމިއާގެ އުނދަގޫ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމަޢު ބައިވެރިވުމަށް ރައީސް މުއިއްޒު ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އެ ކުދީންނަށް ލިބިފައިވާ ހުނަރުތައް ތަރައްޤީކޮށް، އުންމީދާއެކު ދިރިއުޅުން ބިނާކޮށްދިނުމުގައި، އަދި ހިނިތުންވުމާއި އެއްބަނޑުއެއްބަފާކަމުގެ އިޙްސާސްތަކާއެކު އެ ކުދީންނާ މުޢާމަލާތު ކުރުމުގައި، އަދި އެ ކުދީންނަށް ދަތިވާ ކޮންމެ ކަމަކަށް ފަސޭހަ އަލިމަގެއް ކޮށައި ދިނުމުގައި، ކޮންމެ ދިވެހި ރައްޔިތަކުވެސް ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ރައީސް އެދިލެއްވި އެވެ.