ރާއްޖެ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ހެދުމަށް ”މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނީޝިއޭޓިވް“ އަކީ މުހިންމު މަޝްރޫޢެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ، މި މަޝްރޫޢަކީ އެމްއެމްއޭގެ 2025 އިން 2027ގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ މުހިންމު އަމާޒެއް ކަމަށެވެ. އަދި މި މަޝްރޫޢަކީ ރާއްޖޭގެ މާލީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދާނެ މަޝްރޫޢެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
ގަވަރުނަރު މުނައްވަރު ވިދާޅުވި ގޮތުގައި މިއީ ރާއްޖެ އިސްލާމިކް ފައިނޭންސިންގ ހަބެއްގެ ގޮތުގައި ސަރަހައްދީ ފެންވަރުގައި ތަރައްގީކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ހަމަހަމަކަމާއި، އެންމެންގެ އިގްތިސާދީ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”މި މަޝްރޫޢާއެކު އިޖުތިމާއީ ހަމަހަމަކަން ގާއިމްކުރެވި، އިގްތިސާދީ ބައިވެރިވުމާއި އިސްލާމިކް ފައިނޭންސްގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް މަގުފަހިވެ، ގައުމުގައި އިންސާފު ގާއިމްކުރުމާއި، ހަމަހަމަކަމާއި، އެންމެންގެ ބައިވެރިވުން ހިމެނިގެންދާނެ،“ ގަވަރުނަރު ވިދާޅުވިއެވެ.
މީގެއިތުރުން، މި މަޝްރޫޢަކީ ދިރާސީ އިލްމުގެ މައްޗަށް ސިޔާސަތުތައް ކަނޑައެޅިގެންދިޔުމުގައި ފާހަގަކޮށްލެވޭ މިސާލެއްކަމަށްވެސް ގަވަރުނަރު މުނައްވަރު ވަނީ ފާހަގަކުރައްވާފައެވެ.
