މާލޭ ސަރަޙައްދުން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ބޭންކިން ނިޒާމުގެ ތެރެއިން ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، ’އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް ފަންޑު‘ ތައާރަފްކޮށް، އެކަމާ ގުޅޭ ގަވާއިދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލައި އާންމުކޮށްފި އެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މި ފަންޑަކީ ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކެއްގެ ބައިވެރިވުމާއެކު، ހައުސިންގ ފައިނޭންސްގެ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ފަންޑެކެވެ.
މި ފަންޑު ހިންގާނެ ގޮތުގެ ގަވާއިދުގައިވާ ގޮތުން، ސްކީމުގެ ދަށުން ދެ ފައިނޭންސިންގެ ފެސިލިޓީ ފޯރުކޮށްދެވޭނެ އެވެ. އެއީ ’ޓައިޕް އޭ ފައިނޭންސިންގ ފެސިލިޓީ‘ (ލީސް އެންޑިންގ ވިތް އޯނަރޝިޕް ފެސިލިޓީ) އަދި ’ޓައިޕް ބީ ފައިނޭންސިންގ ފެސިލިޓީ‘ (އެންޑް-ޔޫޒަރ ފައިނޭންސިންގ ފެސިލިޓީ) އެވެ.
މި ފަންޑު ހިންގުމަށް ހަމަޖައްސާފައި ވަނީ މަރުކަޒީ ބޭންކު އެމްއެމްއޭއިން ޚާއްސަކޮށް ކަނޑައަޅާ މާލީ އިދާރާއަކުންނެވެ. އަދި ފަންޑުން ފައިނޭންސް ދޫކުރާނެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތަފްސީލުތައް އެމްއެމްއޭއިން ވަކި ގޮތެއްގައި އާންމުކުރާނެ އެވެ.
މި ފަންޑުގެ އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ބައިވެރިވުމެވެ. ގަވާއިދުގައި ބުނެފައިވާ ގޮތުން، ކޮންމެ ބޭންކަކުން ވެސް އެ ބޭންކަކަށް ލޯނާއި ދަރަނީގެ ގޮތުގައި ލިބެން ޖެހޭ ޖުމްލަ ފައިސާގެ ތެރެއިން %10 އާއި %15 އާ ދެމެދުގެ އަދަދެއް މި ފަންޑަށް ދޫކުރަން ޖެހެ އެވެ. މި ފައިނޭންސިން ފެސިލިޓީތައް ލިބޭނެ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ގެދޮރުވެރިކަމުގެ މިލްކުވެރިކަން ނެތް، އަދި ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ފަރާތްތައް ހިމެނެ އެވެ. މީގެއިތުރުން އެމްއެމްއޭއިން ކަނޑައަޅާ އިތުރު ޝަރުތުތަކެއް ފުރިހަމަވާން ވެސް ޖެހެ އެވެ.
ފަންޑުގެ ދަށުން ދޫކުރާ ފައިނޭންސިންގ ފެސިލިޓީގެ މުއްދަތަކީ މަދުވެގެން 25 އަހަރެވެ. ނަމަވެސް، ފައިސާ ނަގާ ފަރާތުން މި މުއްދަތަށްވުރެ ކުރު މުއްދަތެއް ހަމަޖައްސައިދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ މުއްދަތެއް ވެސް ހަމަޖެއްސިދާނެ އެވެ. ގަވާއިދުގައިވާ ގޮތުން، މި ފެސިލިޓީތަކުން ލިބޭ ފައިދާ، ފަންޑު ހިންގަން ކަނޑައަޅާ މާލީ އިދާރާއިން ބައިވެރިވާ ބޭންކުތަކަށް ދޫކުރަން ޖެހެ އެވެ. އަދި ބޭންކުތަކާއި ސްކީމް ހިންގާ އިދާރާއަށް އެމްއެމްއޭއިން ކަނޑައަޅާ އިނާޔަތްތަކެއް ވެސް ދޭނެކަމަށް ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން، އެމްއެމްއޭއިން ވަނީ މި ގަވާއިދާ ނުވަތަ އޮތޯރިޓީން އަންގާ އެންގުމަކާ ޚިލާފުވާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް ވެސް ކަނޑައަޅާފަ އެވެ. އެގޮތުން، އެއްވެސް ބޭންކަކުން ނުވަތަ ސްކީމް ހިންގާ އިދާރާއަކުން ޚިލާފުވެއްޖެނަމަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގެ 40 ވަނަ މާއްދާގައިވާ ގޮތަށް އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
އެމްއެމްއޭއިން މިފަދަ ފަންޑެއް އެކުލަވާލާފައިވާއިރު، މިމަަހުގެ 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތޮލިބް ވަނީ މި ސަރުކާރުން އަލަށް ދެ ހައުސިން ސްކީމެއް ތައާރަފްކުރަން އުޅޭކަން އިއުލާންކުރައްވާފަ އެވެ. އެގޮތުން ފުރަތަމަ ސްކީމަކީ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ފަންޑުކޮށް ލީސް-ޓު-އޯން އުސޫލުން އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ސްކީމެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދެވަނަ ސިޔާސަތެއްގެ ގޮތުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ސަރުކާރުން ބިން ދީގެން، އަދި ޑިވެލަޕްކުރާ ފަރާތަށާއި، ގަންނަ ފަރާތްތަކަށް ލުއިތަކެއް ދީގެން ސަރުކާރުން ކަނޑައަޅާ އަގެއްގައި ޑިވެލަޕާސް އަމިއްލައަށް ޑިވެލަޕްކޮށް ވިއްކަން ފުރުސަތު ދިނުން ކަމަށެވެ. އެގޮތުން އިމާރާތްކުރެވޭ ތަންތަން ލިބޭނީ ފަސްޓް ޓައިމް ހޯމް ބާޔާސްއަށް ކަމަށާއި، އަގު ހުންނާނީ މިހާރު މާރކެޓުގައި ލިބެން ހުރި އަގުތަކަށްވުރެ ވަރަށް ބޮޑުތަނުން ކުޑަކޮށްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
”ތިން ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގު މިހާރު އުޅެނީ 4 މިލިއަން ރުފިޔާއަށް. އަޅުގަނޑުމެން އުންމީދުމިކުރަނީ ގާތްގަނޑަކަށް 2 މިލިއަނާ 2.5 މިލިއަނާ ދޭތެރޭގަ 3 ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގު [ބަހައްޓައި] އަޅުގަނޑުމެނަށް މާކެޓަށް ނެރެވޭނެ ކަމަށް.“
މިނިސްޓަރު މުއްތަލިބް ވިދާޅުވީ އަގު އެއަށްވުރެވެސް ކުޑަ ކުރެވޭނަމަ، އަގު ކުޑަކޮށް މާކެޓަށް ނެރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެމްއެމްއޭ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
