ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާ ހަމަޖައްސައި، އެކަމާބެހޭ ލިޔުން މިއަދު އެ ފަރާތްތަކާ ހަވާލުކޮށްފި އެވެ.
މީރުމާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، އެ ފަރާތްތަކަށް ވަޒީފާ ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެކަމަނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ލިބޭނެ ފުރުސަތު ފަހިވެގެންދިޔުމަކީ އިންސާނީ ކަރާމާތަށް އިސްކަންދިނުމުގެ މަތިވެރި ނިންމުމެއް ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ލިބޭނެ ފުރުސަތު ފަހިވެގެން ދިއުމަކީ، އިންސާނީ ކަރާމާތަށް އިސްކަން ދެއްވުމުގެ ވަރަށް މަތިވެރި ކަމެއް. އަދި އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުން ދޭހަވަނީ ހުރިހާ ދިވެހިންނަކީ، ހަމަހަމަ ބައެއްކަން އަދި އެކަން އަމަލީ ގޮތުން ސާބިތުކޮށްދިނުމުގެ ވަރަށް ފުރިހަމަ މިސާލެއް.
އެމްޕީއެލްއިން ވަޒީފާ ދިން 40 ފަރާތުގެ ތެރޭގައި، މާލޭގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ޖުމްލަ 35 ފަރާތަކަށް ވަނީ ހަމަޖައްސައިދީފަ އެވެ. މީގެ އިތުރުން ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓްގެ ވަޒީފާތަކަށް ހަމަޖެއްސި ފަރާތްތައްވެސް މި ބައިގައި ހިމެނެ އެވެ. ދައުލަތުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފޯރުކޮށްދިނުމަކީ ރައީސުލްޖުުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމްޕީއެލްއަކީ މި ވައުދުފުޅު ފުއްދުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހަމަޖައްސައިދިން ދައުލަތުގެ ފުރަތަމަ ކުންފުންޏެވެ.
މި މަސައްކަތަކީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި އެމްޕީއެލްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދީ، ވަޒީފާގެ ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދެވުނު މުހިންމު މަސައްކަތެކެވެ. މި ވަޒީފާ ފުރުސަތުތައް އެމްޕީއެލްއިން ފޯރުކޮށްދިނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް އެމްޕީއެލްއިން އަލަށް ތަޢާރަފްކުރި ”ފަހި“ ޕްރޮގްރާމްގެ ދަށުންނެވެ.
އެމްޕީއެލްއަކީ އަބަދުވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ފުރުސަތުތައް ތަނަވަސްކޮށްދީ، ހަމަހަމަ މަސައްކަތުގެ މާހައުލެއް ޤާއިމްކުރުމަށް މަސައްކަތްކުރާ ކުންފުންޏެއްކަން އެ ކުންފުނިން ފާހަގަ ކުރެ އެވެ. މި ވަގުތުވެސް އެމްޕީއެލްގެ އެކި ދާއިރާތަކުގައި، ނުކުޅެދުންތެރިކަން ހުންނަ 32 ފަރާތެއް މަސައްކަތްކުރެ އެވެ. މީގެ ތެރޭގައި 10 އަހަރަށްވުރެ ގިނަ ދުވަސް ޚިދުމަތްކޮށްފައިވާ މުވައްޒަފުންވެސް ހިމެނޭކަން ފާހަގަކުރެވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިޖުތިމާއި އަދި އާއިލީ ތަރަށްގީއާއި ބެހޭ މިނިސްޓަރ އާއިޝަތު ޝިހާމް އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީ (ޑީސީޕީ ރިޓަޔާޑް) މުހައްމަދު ރިޝްވާން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)
