އަންހެން ކުއްޖާ ވެއްޓުނު މައްސަލަ: ސަރުކާރުގެ ހަރަދުގައި ކުއްޖާ ރާއްޖޭން ބޭރަށް ގެންދަނީ

Advertisement

އެންމެ ފަސް

Advertisement

ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު އަންހެން ކުއްޖާ ސަރުކާރުގެ ހަރަދުގައި ބޭސް ފަރުވާއަށް މެލޭޝިއާއަށް ފޮނުވުމަށް ނިންމައިފި އެވެ.

އެ ގޭގެ 9 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގުދަނުގެ ފުރާޅަށް ވެއްޓިފައިވަނީ އުމުރުން 21 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ އާއިލާއިން ބުނީ ބޭސްފަރުވާގެ ކަންކަން ހަމަޖައްސާފައިވަނީ އެންސްޕާ މެދުވެރިކޮށް ކަމަށެވެ.

އެންސްޕާއިން މިހާރު އެ ކުއްޖާ މެލޭޝިއާއަށް ފޮނުވުމަށް ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ކުއްޖާގެ އާއިލާގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދީފައިވެ އެވެ.

މި މައްސަލައިގައި މިހާރު ވަނީ އެ އަންހެން ކުއްޖާއާއެކު އެންމެ ފަހުން ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފަ އެވެ. އަދި އެ ކުއްޖާ ވެއްޓުނު ރޭ ވެއްޓުނު ގެއަށް ރައުދުއާއެކު އައުމުގެ ކުރިން ދިމާވި އިތުރު 6 މީހަކާއި ރައުދުގެ ޕާސްޕޯޓުވެސް މިހާރު ވަނީ ހިފަހައްޓާފަ އެވެ.

އަންހެން ކުއްޖާ ވެއްޓުމުގެ ކުރިން އެ ކުއްޖާއާއެކު އެންމެ ފަހުން ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް އާ އެ ކުއްޖާއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން މިހެން ބުނެފައިވަނީ ރައުދުގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ކުރިއަށް ގެންދިޔަ ބަންދުގެ މަޖިލީހުގަ އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން މި މައްސަލައިގެ އައިއޯ ވަނީ އަނިޔާ ލިބުނު ފަރާތާއި ރައުދުއާ ދެމެދު އެރޭ ހަމަނުޖެހުމެއް ހިނގާފައިވާކަމަށް ފުލުހުންގެ ތަހުގީގަށް އެގިފާވާކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އަނިޔާ ލިބުނު ފަރާތް ވެއްޓުނު ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އަނިޔާ ލިބުނު ފަރާތް ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީކަމަށް ބެލެވޭކަމަށް ރައުދު ބުނެފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ