ވެކޭޝަން އެކްސްޕޯ ފަދަ އެކްސްޕޯތަކުން ޓޫރިޒަމް އިންޑަސްޓްރީއަށް އެކި ގޮތްގޮތުން ފައިދާކުރާ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޘާރިޤް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ވެކޭޝަން އެކްސްޕޯގެ 6 ވަނަ އެޑިޝަން ހުޅުއްވައިދެއްވުމަށްފަހު ”ޖަވިޔަނި“ އާއި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި އެކްސްޕޯ މިހާރު ވަނީ މެޗުއަރވެ، ގިނަ ފަރާތްތަކެއްގެ ބައިވެރިވުން އިތުރުވެފަ އެވެ. މީގެ ތެރޭގައި ޓްރެވަލް އޭޖެންސީތަކާއި، އެންސިލަރީ ސަރވިސް ދޭ ފަރާތްތަކާއި، ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކާއި، އަތްތެރި މަސައްކަތްތެރިން ހިމެނެ އެވެ.
ވަޒީރު ޘާރިޤް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އެކްސްޕޯގައި މޯލްޑިވިއަން އާޓް އާއި އެކި ބާވަތުގެ އަތްތެރި މަސައްކަތްތައް ޑިސްޕްލޭ ކުރެވިފައިވެ އެވެ. ”މިއީ ރާއްޖޭގެ އިންބައުންޑް ޓުއަރިޒަމްގައި ބޭނުންކުރެވޭނެ އަދި ރާއްޖެއިން ބޭރަށްވެސް ވިއްކޭނެ އެއްޗެހި،“ ވަޒީރު ވިދާޅުވި އެވެ.
އެކްސްޕޯގައި ރާއްޖޭގެ އައުޓްބައުންޑް ޓުއަރިޒަމްއަށްވެސް އަމާޒުކޮށް ޓްރެވަލް އޭޖެންޓުން އެއަރލައިން ޕެކޭޖްތަކާއި ހޮޓާ ޕެކޭޖްތައް މާކެޓްކުރާކަން ވަޒީރު ފާހަގަކުރެއްވި އެވެ. އަދި ކޮންމެ ރެއަކު ވަކި ޤައުމެއްގެ ޓްރެޑިޝަނަލް ޙަރަކާތްތައް ބޭއްވޭކަންވެސް ފާހަގަކުރެއްވި އެވެ.
”މިއީ ވަރަށް ބޮޑަށް ޑިވެލޮޕްވަމުން އަންނަ މާކެޓެއް. ރާއްޖޭގެ އައުޓްބައުންޑް ޓުއަރިޒަމަށް ވެސް އަދި ޚާއްޞަކޮށް ލޯކަލް ޓުއަރިޒަމް އާއި ގެސްޓްހައުސް ޓުއަރިޒަމަށް ވެސް ވަރަށް މުހިންމު،“ ވަޒީރު ވިދާޅުވި އެވެ.
40 އެގްޒިބިޓަރުންނާއެކު މި އަހަރު ވެކޭޝަންސް އެކްސްޕޯ އިއްޔެ ފަށާފައިވާއިރު، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ހާއްސަ ޓްރެވަލް ޕެކޭޖުތަކާއި، ރާއްޖެއާއި ބޭރުގެ މަންޒިލްތަކަށް ދަތުރުކުރުމާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކުރެވޭނެ އެވެ.
މިއަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭސް ޓްރެވެލްސް އެވެ. އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސާވިސަސް، އަދި ވޮޔޭޖެސް މޯލްޑިވްސް ހިމެނެ އެވެ.
މި އެކްސްޕޯގައި ބައިވެރިވެފައިވާ އެގްޒިބިޓަރުންގެ ތެރޭގައި ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތައް، އެއާލައިންތައް، ޓްރެވެލް އެޖެންޓުން، ސަރުކާރުގެ އިދާރާތައް، ބޭރުގެ އެމްބަސީތަކުގެ އިތުރުން މޫދު ކުޅިވަރުގެ ވިޔަފާރިތަކާއި ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ދާ ގައުމުތަކުގެ ހޮސްޕިޓަލްތައް ހިމެނެ އެވެ.
ވެކޭޝަން އެކްސްޕޯ މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް



