ލ. މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓުގައި ނިޔާވީ ޒުވާނާ އަކީ ލ.މާބައިދޫ، އިބްރާހިމް ނައުޒަމް ނަމަކަށް ކިޔާ ޒުވާނެކެވެ. މި އެކްސިޑެންޓް ހިންގާފައިވަނީ އެ ޒުވާނާ ދުއްވަމުން ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ މާންދޫ ބެންޑުގެ ބެޑު ފާރުގައި ޖެހުމުން އެވެ.
މި އެކްސިޑެންޓާއި ބެހޭގޮތުން ”ޖަވިޔަނި“ އާއި ވާހަކަ ދައްކަމުން ގަމު ކައުންސިލުގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ މިހާދިސާގައި ނިޔާވި ޒުވާނާ އަކީ ގަމު މީހެއް ނޫންކަމަށާއި އެއީ ލ. މާބައިދޫ މީހެއް ކަމަށެވެ. ނަމަވެސް އޭނާ ވަޒީފާ އަދާ ކުރަމުން އަންނަނީ މާންދޫގައި ކަމަށް ވެސް ޒަކީ ވަނީ ވިދާޅުވެފަ އެވެ.
އޭނާ ނިޔާވީ ސައިކަލުން ވެއްޓުމުގެ ސަބަބުން ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކާއި ގުޅިގެންނެވެ. ނަމަވެސް އޭނާ އަށް ވަނީ އެކްސިޑެންޓުވުމާއިއެކު ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފަައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ ނިޔާވީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
”އެކްސިޑެންޓުވީ ފަތިސް ގަޑީގަ“
ގިނަ ހިތާމަވެރި އެކްސިޑެންޓުތައް ހިންގާ އެއް ތަނަކަށް މާންދޫ ބެންޑު ސަރަހައްދު ވެފައިވާއިރު ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ހިނގި އެކްސިޑެންޓެއްގައި އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.