ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ދުންފަތުން ރައްކާތެރި ޖީލެއް ބިނާ ކުރުމަށް ޖެނެރޭޝަނަލް ބޭނެއް ތަޢާރަފުކުރުމާ ގުޅޭގޮތުން ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި ހެލްތް މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތަށް ކުރިއަށް ގެންދިޔަކަން ހާމަކޮށްފައިވަނީ ހެލްތް މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި ހެލްތް މިނިސްޓްރީން ބުނެފައިވަނީ ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ’ޖެނެރޭޝަނަލް ބޭން‘ ތަޢާރަފުކުރުމަށް ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ޑަބްލިއުއެޗްއޯ މޯލްޑިވްސް އާއި ޔުނިސެފް މޯލްޑިވްސް އާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ހެލްތް މިނިސްޓްރީގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.
މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ޑަބްލިޔުއެޗްއޯ އަދި ޔުނިސެފުން ލަފާ ދީފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެ އެވެ.
ރައީސް މުއިއްޒު ވަނީ ޒުވާނުން ދުންފަތުން ދުރުކުރުމަށް ބޭންޑެއް ކަނަޑައެޅުމަށް އެކަމުގެ ދިރާސާކޮށް ކަރުދާހެއް ތައްޔާރުކުރަން ހެލްތް މިނިސްޓަރާއި ހަވާލުކޮށްފައިވާ ކަމަށް މިމަހުގެ ތެރޭގައި ވިދާޅުވެފަ އެވެ. ”ރައްޔިތުންނާ އެކު“ މި ނަމުގައި ރައީސް ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޒުވާނުންނަށް ދުންފަތް މަނާކުރަން ބޭންޑެއް ކަނޑައަޅަން 3 ގޮތެއް މަޝްވަރާކުރައްވަމުން އަންނަ ކަމަށެވެ.
އެގޮތުން އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތަކަކީ:
- 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
- 2004 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
- 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
ރައީސް ވަނީ މި ތިން ގޮތް ހުށައެޅުއްވުމުގެ ފަހަތުގައިވާ ސަބަބުވެސް ހާމަކުރައްވާފައެވެ. އެގޮތުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުން، ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެކަމުގައި ރައީސް ވިދާޅުވި އެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް ޑަބްލިއުއެޗްއޯ ޔުނިސެފް