މައިންގެ ގައިން ތުއްތު ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ނުފެތުރޭ ފުރަތަމަ ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ ކަނޑައަޅައިފި އެވެ.
މިކަން ކަނޑައަޅާ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މިކަން އިޢުލާނުކޮށްފަ އެވެ.
އެޗްއައިވީ އާއި ސިފިލިސް އަކީ މީގެ ކުރިންވެސް ރާއްޖޭގައި މައިންގެ ގައިން ތުއްތު ދަރިންނަށް އެރުން ހުއްޓުވިފައިވާ 2 ބައްޔެވެ. އެގޮތުން 2019 ގައި ޑަބްލިއުއެޗްއޯ އިން ވަނީ އެ 2 ބަލި މައިންގެ ގައިން ތުއްތު ދަރިންނަށް އެރުން ހުއްޓުވާފައިވާކަން ބަލައިގެންފަ އެވެ. އަދި މިހާރު ހެޕަޓައިޓިސް-ބީ އެގޮތަށް ފެތުރުން ހުއްޓުވުނުކަން ބަލައިގަތުމާއެކު، މި ތިން ބަލި ހުއްޓުވި ފުރަތަމަ ޤައުމަށް ރާއްޖެ ވަނީ ވެފަ އެވެ.
މި ތާރީޚީ ކާމިޔާބީއަކީ މައިންނާއި ކުޑަކުދިންގެ ސިއްހަތާއި، ފަރުވާ ހޯދުމުގެ ފުރުސަތު އެންމެންނަށް ތަނަވަސްކޮށްދިނުމާއި، އެންމެ ދުރު ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ހިދުމަތް ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ދެމުންގެންދާ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކާމިޔާބީއެއްކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.
ރާއްޖެއިން ހޯދި މި ކާމިޔާބީއަށް މަރުހަބާ ކިޔަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދޮނަމް ވިދާޅުވީ ސިއްހީ ދާއިރާއަށް ދެމެހެއްޓެވިނި ގޮތެއްގައި އިންވެސްޓްކޮށްގެން މި ބަލިތައް މައިންގެ ކިބައިން ދަރިންނަން ފެތުރުމާއި އެ ބަލިތަކުން ތަހައްމަލު ކުރަން ޖެހޭ ތަކުލީފުތައް ނައްތާލުމަކީ ކުރެވޭނެކަމެއްކަން ރާއްޖެއިން ދައްކައިދީފައިވާ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ ދިވެހިރާއްޖޭގެ ރެޕްރެޒެންޓެޓިވް މިސް ޕޭޑެން ވިދާޅުވީ ދިވެހިރާއްޖެއިން މި ތިން ބަލި ހުއްޓުވުމުގައި ހޯދި ކާމިޔާބީއަކީ ސިއްހީ ނިޒާމާއި މުޖުތަމައުގެ ފެންވަރުގައި ދެވޭ ފަރުވާއަށް ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްކުރުމުން އާންމު ސިއްހަތުގެ ދާއިރާގައި ހޯދޭނެ ކުރިއެރުމުގެ ހަރުދަނާ މިސާލެއް ކަމަށެވެ.
ރާއްޖެއިން ހޯދި މި ކާމިޔާބާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސްވަނީ ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނާއި ކަމާ ގުޅޭ ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔުއްވާފަ އެވެ. މީގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިކަން ފާހަގަކުރައްވަމުން ވިދާޅުވީ މިއީ ވަރަށް ބޮޑު ފަހުރެއްކަމަށާއި، ދެމެހެއްޓެނިވި، ހަމަހަމަ އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ދެމިހުންނާނެ ކަމަށެވެ.
މި ކާމިޔާބީއަކީ މިނިސްޓްރީ އޮފް ހެލްތް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، ޑަބްލިއުއެޗްއޯ، ޔުނިސެފް އަދި އައިޖީއެމްއެޗް ފަދަ ޤައުމީ ސިއްހީ މުއައްސަސާތަކުގެ ގުޅިގެންވާ މަސައްކަތުގެ ނަތީޖާކަމަށް ޑަބްލިއުއެޗްއޯއިން ފާހަގަ ކުރި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އައިޖީއެމްއެޗް މިނިސްޓްރީ އޮފް ހެލްތް ޑަބްލިއުއެޗްއޯ ޔުނިސެފް