އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ވެސް އެ ރަށެއްގެ ނިސްބަތުން ލެބޯޓްރީ ޓެސްޓް ހެދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ށ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނޫމަރާ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ނޫމަރާގައި ލެބޯޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތް މި ސަރުކާރުން ކޮށްދޭނެ ކަމަށެވެ. އަދި ނޫމަރާ ފަދަ ރަށްރަށުން އަސާސީ ސިއްހީ ޓެސްޓްތައް ނުހެދުމުގެ ސަބަބުން އެހެން ރަށްރަށަށް ރައްޔިތުން ދަތުރުކުރަން ޖެހޭ ކަން ފާހަގަކުރެއްވި އެވެ. ނޫމަރާގައި މި ހިދުމަތް ގާއިމްކުރުމަށް ބޭނުންވާ އިމާރާތެއް ނުވަތަ ޖާގައެއް ހުރި ކަން ކައުންސިލާއެކު ބޭއްވި ބައްދަލުވުމުން އެނގި ވަޑައިގެންނެވި ކަމަށާއި މި ހިދުމަތް ގާއިމްކުރުމަށް ދެން ބޭނުންވާނީ ވަސީލަތްތަކާއި މުވައްޒަފުން ތަމްރީނުކުރުން ކަން ރައީސް ފާހަގަކުރެއްވި އެވެ.
”މިރަށުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ލެބޯރެޓޮރީގެ ހިދުމަތް ހަމަ މި ރަށުގައި ޓެސްޓުތައް ހެދޭނެ ގޮތް އަޅުގަނޑުމެން ކަނޑައަޅައިދޭނަން، ހަމަޖައްސައިދޭނަން. މާ ގިނަ ދުވަސްތަކެއް ނުވާނެ. އެހެން ރަށަކަށް ބޭސިކް ޓެސްޓުތައް ހަދަން ފޮނުވަން ޖެހޭ ޖެހުން ނިމުމަކަށް ގެނެސްދޭނަން. މި ރަށުގެ ހެލްތު ސެންޓަރުގައި ލެބޯރެޓޮރީގެ ހިދުމަތް ތަކެތީގެ ގޮތުންނާއި މުވައްޒަފުންގެ ގޮތުން ހަމަޖައްސައިދޭނަން.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި އަންނަ އަހަރު ނިމޭއިރު ރަށެއްގެ ނިސްބަތުން ހެލްތް މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ޓެސްޓްތައް ހެދޭނެ ގޮތް ގާއިމުނުކުރެވޭ އެންމެ ރަށެއްވެސް ނުހުންނާނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ހެލްތް ސެންޓަރުގައި ވެސް އެ ރަށެއްގެ އާބާދީއާ އެކަށޭނަ އަދި އެންމެ އަސާސީ ޓެސްޓްތައް ހެދޭނެ ލެބޯޓްރީއެއް ހެދުމަކީ ރައީސް މީގެ ކުރިން ވެސް ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.
ށ. ނޫމަރާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ހެލްތް


