މިހާރު މަސައްކަތް ހިނގަމުންދާ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫޢުތަކުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަޠީން މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަޠީން ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި 20 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ. ”މި މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައި، އަދި އަނެއްބައި މަޝްރޫޢުތައް މިވަގުތު ވަނީ ޑިޒައިން ފޭސްގައި،“ މަޠީން ވިދާޅުވި އެވެ.
އެމްޑަބްލިޔުއެސްސީގެ އަމާޒަކީ މިހާރު މަސައްކަތް ފަށާފައިވާ ހުރިހާ މަޝްރޫޢުތަކެއް މި އަހަރުގެ ތެރޭގައި ނިންމުން ކަމަށް މަޠީން ވިދާޅުވި އެވެ. އަދި މަސައްކަތް ނުފަށާ، ޑިޒައިން ފޭސްގައި ހުރި މަޝްރޫޢުތައް އަންނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް ވަނީ ރޭވިފަ އެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫޢުތަކެއްގައި ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ސަރުކާރުގެ ފުރިހަމަ ބާރު އޮންނަ ގޮތަށް އެ މަޝްރޫޢުތައް ކުރިއަށް ގެންގޮސް ނިންމަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އެމްޑަބްލިޔުއެސްސީން މިދިޔަ އަހަރު ވަނީ ފެނާއި ނަރުދަމާގެ 20 މަޝްރޫޢެއްގެ މަސައްކަތް ފުރިހަމަކޮށް ނިންމާފަ އެވެ.
އެމްޑަބްލިއުއެސްސީ އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު