ހުޅުމާލޭގައި ގާއިމްކުރި 10،000 ޓަނުގެ ފެން ރައްކާކުރާ ތާނގީ މިއަދު ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބެހެއްޓުނު އެންމެ ބޮޑު ފެން ތާނގީއެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި މި ތާނގީ އިފްތިތާހުކޮށްދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އެވެ.
24 މީޓަރުގެ އުސްމިން ހުންނަ މި ތާނގީއަކީ މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމް.ޑަބްލިޔު.އެސް.ސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޤާއިމްކުރެވުނު ވަސީލަތެކެވެ. މި ތާނގީ ބެހެއްޓުމާއެކު މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރެވޭ ޖުމްލަ މިންވަރު 36,000 ޓަނުން 46,000 ޓަނަށް އިތުރުވެފައިވެއެވެ.
އެމް.ޑަބްލިޔު.އެސް.ސީން ހާމަކުރި ގޮތުގައި، ސިނަމާލެ ބްރިޖް މަތިން ވަގުތީ ގޮތުން ފެން ގުޅާލެވިފައިވުމާއެކު މި ތާނގީގެ ސަބަބުން މާލޭގެ ފެނުގެ ޚިދުމަތަށްވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ”މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުން“ ކަމަށް ބުނެފައިވެއެވެ.
ހުޅުމާލެ އެމްޑަބްލިއުއެސްސީ އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު