ލިވަޕޫލްގެ ފުޓްބޯޅަ އެކަޑަމީއެއް ރާއްޖޭގައި ހެދުމަށް މަޝްވަރާކުރަނީ

Advertisement

އެންމެ ފަސް

Advertisement

މަޝްހޫރު އިނގިރޭސި ފުޓްބޯޅަ ކްލަބް ލިވަޕޫލްގެ ފުޓްބޯޅަ އެކަޑަމީއެއް ރާއްޖޭގައި ގާއިމުކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ޕޮޑްކާސްޓް ”ރައްޔިތުންނާއެކު“ ގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުއިއްޒު ވިދާޅުވީ އިނގިރޭސިވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ލިވަޕޫލް އަދި އެވަޓަން މެޗުގައި ރާއްޖޭގެ އިޝްތިހާރުތައް ދައްކާނެ ކަމަށާއި، އެ ކްލަބުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިވެސް ރާއްޖެ ޕްރޮމޯޓްކުރާނެ ކަމަށް ވިދާޅުވި އެވެ.

”ލިވަޕޫލްގެ ފުޓްބޯލް އެކަޑަމީއެއް ރާއްޖޭގައި ހެދިއްޖިއްޔާ އެއީ، ވަރަށްބޮޑު ކަމަކަށްވާނެ. ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް، ކުޑަކުދިންނަށް ޚާއްޞަކޮށް، ޒުވާން ކުދިންނަށް ދެވޭ ފުރުޞަތަކަށްވާނެ,“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ސީއީއޯގެ ދަޢުވަތަކަށް ރައީސް މުޢިއްޒު މި ދަތުރުފުޅު ކުރައްވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ލިވަޕޫލް ފުޓްބޯލް ކްލަބާ ގުޅިގެން ހިންގާ ކޯ-ބްރޭންޑެޑް ކެމްޕޭނެއްގެ ދަށުންނެވެ. މި ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރ ޠާރިޤް އިބްރާހީމާއި، ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރަފީޢުގެ އިތުރުން އެމްއެމްޕީއާރުސީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

މި މަސައްކަތުގެ ތެރެއިން، މާރިޗު 27 ވަނަ ދުވަހު އިނގިރޭސިވިލާތުގައި ވަނީ އައުޓްޑޯ ކެމްޕެއިނެއް ފަށައިފަ އެވެ. ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކެމްޕޭނުގައި 100 އަށް ވުރެ ގިނަ ޓެކްސީއާއި، ބަސްތަކާއި، ލަންޑަން އަންޑަގްރައުންޑާއި ބޮޑެތި އެއާޕޯޓުތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރެވޭނެ އެވެ.

ރައީސް މުއިއްޒު މާލެ އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 5 ވާ ހޮނިހިރު ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ލިވަޕޫލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ