ލިވަޕޫލްއާއެކު ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުން ފައްޓަވައިދެއްވުމަށް ރައީސް މުއިއްޒު އިނގެރޭސިވިލާތަށް

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ލިވަޕޫލް ފުޓްބޯލް ކްލަބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް) ގުޅިގެން ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް ފުރާވަޑައިގެންފި އެވެ.

މިއީ މިދިޔަ މާރިޗު 13 ވަނަ ދުވަހު ލިވަޕޫލް އެފްސީގެ ”އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު“ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހުމާ ގުޅިގެން ފެށޭ ތިން އަހަރާއި ހަ މަސްދުވަހުގެ ބައިނަލްއަޤްވާމީ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އިތުރު ފަތުރުވެރިން ޒިޔާރަތްކުރުމަށް ހިތްވަރުދިނުމެވެ.

މި ޕާޓްނަރޝިޕްގެ ދަށުން، ވިޒިޓް މޯލްޑިވްސްއިން ވަނީ މާރިޗު 27 ގައި އިނގިރޭސިވިލާތުގައި ތިން މަސްދުވަހުގެ އައުޓްޑޯ ކެމްޕޭނެއް ފަށާފަ އެވެ. މި ކެމްޕޭނުގައި 100 އަށްވުރެ ގިނަ ޓެކްސީގެ އިތުރުން، ބަސްތަކާއި، ލަންޑަން އަންޑަގްރައުންޑް އަދި ބޮޑެތި އެއަރޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖްތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރެވޭނެ އެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އަކްސާ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތްކުރައްވައި، ފުޓުބޯޅައިގެ މަތީ ފެންވަރުގެ ތަމްރީނާއި ކޯޗިންގ ޕްރޮގްރާމްތައް ހިންގާ ގޮތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ލީޑްސް ޔުނިވަރސިޓީއާއި ލީޑްސް ޓައުން ހޯލަށް ޒިޔާރަތްކުރައްވައި، ލީޑްސް ސިޓީގެ ކައުންސިލަރާވެސް ބައްދަލުކުރައްވާނެ އެވެ.

މި ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރ ޠާރިޤް އިބްރާހީމް، ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢު އަދި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް މުޢިއްޒު މާލެ އެނބުރި ވަޑައިގަންނަވާނީ އޭޕްރިލް 5 ވާ ހޮނިހިރު ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިނގެރޭސިވިލާތް ރާއްޖެ - ލިވަޕޫލް މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ