މާލޭގައި ”އީދު ހަވީރު 1446“ ގެ ނަމުގައި ސަލާމަތީ ބާރުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ބޭއްވުމަށް ނިންމާފައިވާ ބޮޑު ހަވީރުގެ ތައްޔާރީތަކަށް ސަލްޓަން ޕާކު ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފި އެވެ.
އެގޮތުން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއްޔެކުރި އިއުލާނެއްގައި ވިދާޅުވީ ފިތުރު އީދުގެ މުނާސަބަތުގައި ސަރުކާރުން އިންތިޒާމުކުރާ ”އީދު ހަވީރު 1446″ ގެ ތައްޔާރީތަކަށް، މާދަމައިން ފެށިގެން ފިތުރު އީދު ދުވަހާ ހަމައަށް ސަލްޓަން ޕާކު އާންމުންނަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މި އީދު ހަވީރާާ ބެހޭ ގޮތުން ދިފާއީ ވުޒާރާއިން ވިދާޅުވީ މިއީ ފިތުރު އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ އީދު ސަލާންކޮށް ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ގޮތުން އީދު ދުވަހުގެ ހަވީރު މާލޭގައި ބާއްވާ ހާއްސަ ހަރަކާތެއް ކަމަށެވެ.
އެ ވުޒާރާއިން ވިދާޅުވީ އެ ސަރަހައްދުގައި އީދު ހަވީރަށް ޒިޔާރަތްކުރާ ހުރިހާ އާއިލާތަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމައި އީދު އުފަލުގައި ބާއްވާ އެކި ކުޅިވަރުތަކުގައި ބައިވެރިވުމުގެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ. އަދި މުނި ފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއި އީދު ހަދިޔާދިން ދިނުން ވެސް ކުރިއަށް ދާނެ ކަމަށްވެސް ވިދާޅުވިއެވެ.
“ މި ފަހަރު އީދު ހަވީރު ކުރިއަށްދާނީ ކުޑަކުދިން ގަޔާވާނެ ވަރަށް ގިނަ ކަންކަން ހިމަނައިގެން. އެކި ފަންނުވެރީންގެ ރީތި ހުށަހެޅުންތަކުގެ އިތުރުން ކުޅިވަރު ކުޅުމާއި، ހާއްސަ އެކި ފަރާތްތަކާ ބައްދަލުވުމުގެ ހަނދާނީ ވަގުތުކޮޅުތަކާއިވެސް އެކުގައި.“ އެ ވުޒާރާއިން ވިދާޅުވިއެވެ.
އެ ވުޒާރާއިން ވިދާޅުވީ އީދު ހަވީރު ކުރިއަށް ދާނީ ފިތުރު އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ކަމަށެވެ.