ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމަށް އާރްޑީސީ އާއި ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާނު ކުރައްވާފައިވާ ޣާޒީ ބަންޑާރައިންގެ އާސާރުތަކުގެ އަސްލު ނުގެއްލޭ ގޮތަށް ހިމާޔަތްކުރުމަށާއި، މާއްދީ އެހެން ތަރިކަތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ހއ. އުތީމު ތަކަންދޫ ބާރަށް ހިމެނޭހެން ތަރައްޤީކުރެވޭ މަޝްރޫޢަކީ ރާއްޖޭގައި ތަރިކައިގެ ދާއިރާއިން މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢުކަމަށެވެ.

މީގެ އިތުރުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ ދިވެހިންގެ ޘަޤާފަތާއި ތަރިކަ ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކާ ކުރާ މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ތެރެއިން ކުރާ މަސައްކަތެއްކަމަށެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތް ނިމިގެންދާނީ ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފައިވާ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި، ފަތުރުވެރިކަން ސިންދަފާތުކުރުމާއި، ނެޝަނަލް އައިޑެންޓިޓީގެ އަސްލުތަކާ އެއްގޮތަށްކަމަށެވެ.

ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކުރުމާ ގުޅިގެން އެދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ޝަރީފް ވިދާޅުވީ ކެލާގައި ތާރީޚީ ގިނަ ކަންތައްތަކެއް ހުރިނަމަވެސް އެކަންކަމަށް އަޅާނުލާއޮތްތާ އެތަކެއް ޒަމާންތަކެއް ވެއްޖެކަމަށެވެ. ނަމަވެސް މި ސަރުކާރުން އެތަން ތަރައްޤީކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށެވެ. އޭނާ ވަނީ މިފަދަ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ކެލާގައި ހުރި ކަންކަން މި 5 އަހަރުގެ ތެރޭގައި ހައްލުކުރާނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުގައި ހުރި އާސާރީ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ޚާއްސަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިގޮތުން މިމަހުގެ 10 ވަނަ ދުވަހުވެސް ވަނީ މި މަސައްކަތުގެ ދަށުން އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތުގެ އާބާތުރަފިލުވައި ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކުރައްވާފައެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ