ދިރާސީ ބޭނުމަށްޓަކައި ރާއްޖޭގެ ތާރީޚީ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ޢުމުރުން ދުވަސްވީ މީހުންގެ އިންޓަވިއުތައް ނެގުމުގެ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އާދަމް ނަސީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތާ ގުޅޭގޮތުން މިހާތަނަށް 70 ކައުންސިލަކާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު އެ ކައުންސިލްތަކާ ހިއްސާކުރެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
”މި މަސައްކަތުގެ ބޭނުމަކީ ޢިލްމީ ތާރީޚީ ދިރާސާތައްކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެއްކުރުން. ރާއްޖޭގެ އެކި ހިސާބުތަކުން މަޢުލޫމާތު އެއްކުރެވޭނެ،“ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި އެވެ.
މި މަސައްކަތުގެ ތެރެއިން 50 އަހަރުން މަތީގެ މީހުންގެ ތާރީޚީ ވާހަކަތައް އެއްކުރެވި ރައްކާކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތަރިކައިގެ ދާއިރާގެ ސަރުކާރުގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ތަރިކައިގެ ތަކެތި ރައްކާތެރިކޮށް މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން ތަރިކައިން އާމްދަނީ ހޯދުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. މިގޮތުން ފަތުރުވެރިން ޝައުޤުވެރިވާނެ ގޮތަށް ތަރިކަ ހުންނަ ސަރަހައްދުތައް ތަރައްޤީކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
މި ސިޔާސަތުގެ ދަށުން ހއ. އަތޮޅުގައި ޚާއްސަ މަޝްރޫޢެއް މިހާރު ވަނީ ފަށާފަ އެވެ. މި މަޝްރޫޢުގެ ދަށުން ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަންކޮށްދެއްވި ބަޠަލު މުޙައްމަދު ތަކުރުފާނާ ގުޅިފައިވާ ތަރިކަތައް ޙިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަގު ފަހިވެގެންދާނެ އެވެ.
ރައްޔިތުންގެ މަޖިލިސް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީ