ދާރުލްއާސާރު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާނެ ކަމަށް ހެރިޓޭޖް މިނިސްޓަރ އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ކުރެއްވި ސުވާލަކީ ދާރުލްއާސާރުގެ އެތެރެ އިތުރަށް ރަނގަޅުކުރަން މަސައްކަތް ފެށިއިރު، 12 ލޮރީގެ ކުނި ދާރުލްއާސާރުން ބޭރުކުރިކަމަށް، 16 އޭޕްރިލް 2025 ގައި މިނިސްޓަރ ވިދާޅުވެފައިވާ ކަމަށެވެ. އެތަކެތީގެ ރިކޯޑުތައް ނުވަތަ ފޮޓޯއާއި ވީޑިއޯ ނަގާފައިވޭތޯ އެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ދާރުލްއާސާރު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތަކީ، ދާރުލްއާސާރު ހުރި އިމާރާތުގެ އެތެރެއާއި، އިމާރާތުގެ ބޭރު ސަރަހައްދާއި ގުޅިފައިވާ މަސައްކަތެއް ކަމަށެވެ. ދާރުލްއާސާރުގެ ގޮތުގައި ހިމެނޭ އެތައް އެއްޗެއް ދާރުލްއާސާރު ހުންނަ އިމާރާތުގެ ބޭރުގައިވެސް އާސާރުގެ ގޮތުގައި ދައްކަން ބަހައްޓާފައިވާ ކަމަށެވެ.
އެ ސަރަހައްދާއި، ގައުމީ ދާރުލްއާސާރު ހުންނަ އިމާރާތަށް އިތުރު ތަރައްގީ ގެނައުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި، ކުރިން އެތަނުގައި ހުރި އެތައް ބައިވަރު ކުންޏެއް ނަގާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ދާރުލްއާސާރު ހުންނަ އިމާރާތުގެ އެތެރޭގައި ހުންނަ ކުންޏާއި، އިމާރާތުގެ ބޭރުން ދާރުލްއާސާރުގެ ބޭރު ތެރޭގައި ހުރި ކުނިވެސް ހިމެނޭކަމަށާއި، ކުނިކަމަށް ކަނޑައަޅަން ޖެހޭ ތަކެތި އެއީ ނައްތާލަން ޖެހޭ ކުނިކަމަށް ކަނޑައަޅާފައިވާނީ ގާނޫނު ނަންބަރު 3/2006، ދައުލަތުގެ މާލިއްޔަތު ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދާ، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބާވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް މުދާނީލަން ކިޔުމާއި، ނައްތާލުމުގައި އަމަލުކުރާނެ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، ދާރުލްއާސާރުގެ އެތެރެއިން އުކާލެވުނު ކުނި ހުރީ އާސާރީ ތަކެތި ހުންނަ ބައިގައި ނޫން ކަމަށާއި، އެހެންކަމުން، އެތަން ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެތަނުގައި ހުރި އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާނެކަން ވާނީ ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީ