ގުޅީފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ހިއްކި ސަރަހައްދުން ގޯތި ކަނޑައަޅައި، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މިހާރު ވަނީ ބަދަލު ގެނެވިފައި ކަމަށެވެ. އަދި ގޯތި ލިބޭ ފަރާތްތަކަށް ކަޑަޖަހައި، އިންވަކިކޮށް، ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ނަމަވެސް ބުރިޖު އަޅާ ސަރަހައްދުން ގޯތި ލިބޭ ފަރާތްތައް މި ކަމުން އިސްތިސްނާވާނެ ކަމަށް ވިދާޅުވި އެވެ.
ގިރާވަރު ފަޅުގެ މައްސަލައަށް އަލިއަޅުވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލައި، މި ސަރުކާރުން ބިން ހިއްކުމުގެ މަސައްކަތާ ހަވާލުވާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން ވީ އެންމެ އަވަހަކަށް އެ ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށްވެސް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދު ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އުތުރު ތިލަފަޅުގެ މަޝްރޫޢުއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ގޯތީގެ މައްސަލަ ހައްލުކުރެއްވުމަށްޓަކައި، އެ ފަޅުން 125 ހެކްޓަރު ހިއްކުމުގެ މަސައްކަތް މި އަހަރު ފައްޓަވައި، އަންނަ އަހަރުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ. މީގެއިތުރުން ހުޅުމާލޭ ފަޅުން ހިއްކާ ސަރަހައްދުގެ މަސައްކަތްވެސް މި އަހަރުގެ ޖުލައި މަހާ ހަމައަށް ނިމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ފްލެޓް ލިސްޓުގެ މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައި ކަމަށާއި، އިތުރަށް ލަސްކުރުމެއް ނެތި، މި ހަފުތާ ނިމުމުގެ ކުރިން ލިސްޓު ނެރުއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ. މީދޫ ގުޅިފަޅު