އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް ދެގުނައަށް އިތުރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، 1 ފެބްރުއަރީ 2024 އިން ފެށިގެން ބީއެމްއެލްގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1,400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1,500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1,500 ޑޮލަރުން 2,000 ޑޮލަރަށް ބޮޑުކުރެވިގެންދާނެ އެވެ.
މީގެއިތުރުން މިދިޔަ ހަފްތާގައި މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު މުއްޔަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުގެ ލިމިޓްތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެވިގެންދާނެ އެވެ. އެގޮތުން ބޭރު ގައުމުތަކުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ވިޔަފާރި ކުރެވޭ އަދަދު 1,000 ޑޮލަރަށް، އަދި އެއާލައިން ޓިކެޓާއި ހޮޓާތަކަށް ލާރި ދެއްކުމަށް ކާޑުން ދެއްކޭ އަދަދު 3,000 ޑޮލަރަށް އިތުރުވެގެންދާނެ އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ހަމަ އެ ތާރީހުގައި ބޭސްފަރުވާއަށް ބޭރަށް ދާ ފަރާތްތަކަށް އިތުރު ލުޔެއްގެ ގޮތުގައި، ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާ ޑެބިޓް ކާޑު މެދުވެރިކޮށް ދެއްކުމުގެ ފުރުސަތު ވެސް ހުޅުވާލެވިގެންދާނެ އެވެ.
”މިކަންކަމުގެ ސަބަބުން އަގުބޮޑުކޮށް ބްލެކް މާކެޓުން ޑޮލަރު ގަނެގެން މި ކުރަން ޖެހޭ ކަންތައްތައް، މި އަޅުވެތިކަމުން އިރާދަކުރެއްވިއްޔާ ރައްޔިތުން އަރައިގަތުމަށް އެޅޭ މުހިންމު ފިޔަވަޅުތަކަކަށް ވާނެ،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން އަންނަނީ ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.