އެފްޓީއޭގެ ދަށުން އެންސިސްގެ މަހުގެ އުފެއްދުންތައް ޗައިނާއަށް

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ދަށުން އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން އެންސިސް ފިޝަރީޒުން ޕްރީމިއަމް ދިވެހި ޓޫނާ ޗައިނާގެ ބާޒާރަށް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އެއްބަސްވުމުގައި އެންސިސް ފިޝަރީޒްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން އަފީފެވެ. އަދި ޒިންޖުއާން ސޯވް ބެއިޖިން ކޮމާޝަލް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން ލިން ޔުޗެންޖެވެ.

މި ތާރީޚީ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޗައިނާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ފަޒީލް ނަޖީބާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޗައިނާގެ ބޮޑެތި މީޑިއާތަކުންވެސް މި ރަސްމިއްޔާތު ކަވަރުކުރި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި އިސްވެރިން ވަނީ ޗައިނާގެ ބާޒާރުގައި މޯލްޑިވިއަން ސީފުޑް ޕްރޮމޯޓްކުރުމުގެ މުހިންމުކަމާއި، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

1.41 ބިލިއަނަށްވުރެ ގިނަ އާބާދީއެއް އޮތް ޗައިނާގެ ބާޒާރަށް ދިވެހި އުފެއްދުންތައް ވަނުމުގެ ފުރުސަތު ލިބުމަކީ ރާއްޖޭގެ ވިޔަފާރިތަކާއި އިޤްތިޞާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށް އިޤްތިޞާދީ މާހިރުން ފާހަގަކުރެ އެވެ. މި އެއްބަސްވުމަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ފަހި ފުރުސަތެއްކަމަށްވެސް ބެލެވެ އެވެ.

ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ