މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން، މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ އަދި އާޓް ގެލެރީ މާލެއާ ގުޅިގެން، ”ފްރޭމް ބައި މަޓާޓޯ“ ގެ ފުރަތަމަ މައުރަޒު ފަށައިގެން ކުރިއަށް އެބަގެންދެ އެވެ.
މި މައުރަޒާ ގުޅޭގޮތުން ”ޖަވިޔަނި“ އަށް މަޢުލޫމާތު ދެއްވަމުން މަޓާޓޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާމިނަތު ސުޒެއިން ވިދާޅުވީ، ”ފްރޭމް ބައި މަޓާޓޯ“ ފަރުމާކުރެވިފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ގުޅުވައިގެން ކުރެހުމުގެ ދާއިރާގައި މަސައްކަތްކުރުމަށް ހިތްވަރުދިނުމަށާއި، އަދި ރާއްޖޭގެ ހުނަރުވެރިންނަށް އެމީހުންގެ މަސައްކަތް ފަތުރުވެރިންނަށާއި އާންމުންނަށް ދެއްކުމުގެ ފުރުޞަތު ހޯދައިދިނުމަށް ކަމަށެވެ.
މި މައުރަޒު ކުރިއަށްދާނީ ފެބްރުއަރީ 20 އަށް، މާލެ އާޓް ގެލެރީގައި ކަމަށް ސުޒެއިން ހާމަކުރެއްވިއެވެ. މައުރަޒުގައި ބައިވެރިވާ އެންމެންނަށްވެސް އެމީހުން އެންމެ ގަބޫލުކުރާ ކުރެހުންތަކަށް ވޯޓުލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި، ވޯޓުލެވޭނީ ފެބްރުއަރީ 19 ވަނަ ދުވަހުގެ ހަވީރު 6 ގެ ނިޔަލަށް ކަމަށް އޭނާ ވިދާޅުވި އެވެ. މި ވޯޓުތަކުގެ މައްޗަށް ބިނާކޮށް ކޮންމެ އުމުރުފުރައަކުން 3 ވަނަ ހޮވޭނެ ކަމަށްވެސް ސުޒެއިން ފާހަގަކުރެއްވި އެވެ.
އާންމުންނަށް ވޯޓުލެވޭނީ އެސްއެމްއެސް މެދުވެރިކޮށް ކަމަށާއި، އެކި ކުރެހުންތަކަށް ވޯޓުލުމަށް ބޭނުންކުރާނެ އެސްއެމްއެސް ކޯޑުތައް ވެބްސައިންޓް އިން ލިބެން ހުންނާނެ ކަމަށް މަޓާޓޯއިން މަޢުލޫމާތު ދީފައިވެ އެވެ. ދިރާގު ކަސްޓަމަރުން ކޯޑު ޖެހުމަށްފަހު އެސްއެމްއެސް ކުރަންޖެހޭނީ 5005 އަށް ކަމަށާއި، އޫރީދޫ ކަސްޓަމަރުން ކޯޑު ޖެހުމަށްފަހު އެސްއެމްއެސް ކުރަންޖެހޭނީ 5222 އަށް ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެ އެވެ.
މަޢުރަޒުން ވަނައަށް ހޮވޭ ފަރާތްތަކަށް އިނާމު ދޭނީ 20 ފެބްރުއަރީގައި ބާއްވާ ހާއްސަ ހަފްލާއެއްގައި ކަމަށް ސުޒެއިން ވިދާޅުވި އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓަސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)
