ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ފ. ދަރަނބޫދޫ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަބްދުލް ހަމީދު އާދަމް ވިދާޅުވެއްޖެ އެވެ.
ކައުންސިލް ރައީސް ހަމީދު ”ޖަވިޔަނި“ އަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވި ގޮތުގައި، ކޮންމެ އަހަރެކޭ އެއްފަދައިން މި އަހަރުވެސް މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ރަށުތެރެ ސާފުކޮށް ޒީނަތްތެރި ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މީގެ އިތުރުން، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މަދިރި މަދުކުރުމުގެ ޕްރޮގްރާމެއްވެސް ދަރަނބޫދޫގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ. އަދި މިސްކިތްތަކުގައި ރޯދަ ވިއްލަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިކަމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މި ރަމަޟާން މަހު ދަރަނބޫދޫގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ކައުންސިލް ރައީސް ހަމީދު ވިދާޅުވި ގޮތުގައި މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ 20 ވަނަ ދުވަހު އެވެ.
