ބަރަކާތްތެރި ރަމަޟާން މަހާ ގުޅިގެން ދ. މީދޫގައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާކަމަށް ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވެއްޖެ އެވެ.
”ޖަވިޔަނި“ އަށް މައުލޫމާތުދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް ދަނީ ރަށުގެ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ރަށުގެ ދެ މިސްކިތެއްގައި ތަރާވީހު ނަމާދު ކުރުމަށްޓަކައި އިމާމުން ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރިޔަށެވެ. އަދި ރަށުތެރެ ސާފުކުރުމުގެ މަސައްކަތްތަކެއް ވެސް ދަނީ ކުރެވެމުންނެވެ.
ކޮންމެ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ގުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ މެދު 10 ވަނަ ދުވަހު ގައެވެ. މި މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑަބްލިއުޑީސީ އާއި ސްކޫލުގެ އިސްލާމް ކްލަބާ ގުޅިގެންނެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް މީދޫ ދާއިރާގެ މެންބަރުގެ ފަރާތުން ރޯދަ ހަދިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ދޭނެ ތަކެތި އަދި ވަނީ ކަނޑައެޅިފައި ނޫން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އެހެނީ ކޮންމެ އަހަރަކުވެސް ދެމުން އަންނަނީ ތަފާތު ތަކެތި ކަމަށްވާތީ އެވެ. ރޯދަ ހަދިޔާ ބެހުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހާ ވަރަށް ކައިރިވުމުންނެވެ.