ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކަށް 7 ވަނަ އިޞްލާޙު ގެނެސްފި

Advertisement

އެންމެ ފަސް

Advertisement

ނޭޝަނަލް ޕޭ ކޮމިޝަނުން، ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކަށް 7 ވަނަ އިސްލާޙު ގެނެސް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފި އެވެ.

މި އިޞްލާހުގައި ހިމެނިގެން ދައުލަތުގެ ޕޭ ފްރޭމްވަރކަށް ގެންނަވާފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭކަމަށް ކަނޑައަޅާ މުވައްޒަފުން މަސައްކަތަށް ނިކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ ޢިނާޔަތް ދޭންވާނެކަމުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ހިމެނޭ ހުރިހާ ދުވަހަކީ، ގާނޫނު ނަންބަރު 2008/02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ”ރަސްމީ ބަންދު ދުވަސް“ ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން، ރަސްމީ ބަންދުތަކުގައި މަސައްކަތް ކުރުމުން ލިބޭނެކަމަށް އެ ގާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ ޢިނާޔަތް ދޭންވާނެކަމުގައި ބަޔާންކޮށްފައިވެ އެވެ.

ހަމައެއާއެކު ރަމަޟާން މަހުގެ މި ދުވަސްތަކުގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރަންވާނީ، ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށްކަމުގައިވެސް ބަޔާންކޮށްފައިވެ އެވެ. އަދި ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރާނީ، ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށްކަމުގައިވެސް ބަޔާންކޮށްފައިވެ އެވެ.

މިގޮތަށް ފައިސާ ދިނުމުގައި މިހާރު ކަނޑައަޅާފައި އޮންނަ 10 އިންސައްތައިގެ ތެރޭގައި އެ ދުވަސްތައް ނުހިމަނައި، އެ ދުވަސްތަކުގައި އިދާރާއިން މުވައްޒަފުން ލައްވާ ކުރުވާ ހުރިހާ މަސައްކަތު ވަގުތުތަކަށް އިތުރުގަޑީގެ ފައިސާ ދެވޭނެކަމުގައި ބަޔާންކޮށްފައިވެ އެވެ.

އަދި މަގާމަށް ކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވިކަމުގައިވިޔަސް ހާޒިރީ ޢިނާޔަތް ދޭންވާނެކަމުގައި ކަނޑައަޅާފައިވެ އެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ހަތް ވަނަ އިސްލާޙަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އިސްލާޙު ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ރަމަޟާން 1446 ޕޭ ކޮމިޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ