އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރުޒަކާތް ދެއްކުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށް ޒަކާތު ހައުސް އިން ބުނެފި އެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ. މާލެ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލުގެ ސަލާޙުއްދީން ހޯލުގަ އެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑުލާއި، ތައިލެންޑް ހަނޑުލާއި ބާސްމަތީ ހަނޑުލާއި ރަތް ހަނޑޫގެ އިތުރުން ގޮދަން ފުށާއި އާޓާ ފުށުންނެވެ.
ޒަކާތު ހައުސް އިން ބުނީ އެ ފުރުޞަތު އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 27ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ. ޒަކާތް ބަލައިގަންނާނީ މެންދުރު ފަހު އެކަކުން ހަތަރަކަށެވެ.
ޒަކާތު ހައުސް އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުގައި ޒަކާތުގެ ގޮތުގައި މި އަހަރު ވަަނީ ރިކޯޑް މިންވަރެއް ލިބިފަ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 2.9 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ޒަކާތް ބަލައިގަންނަ ގަޑިތައް
ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވާގޮތުގައި، ރޯދަމަހުގެ ފުރަތަމަ 20 ދުވަހު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް ޒަކާތް ބަލައިގަނެ އެވެ. އަދި ރަމަޟާން މަހުގެ ފަހު 10 ދުވަހުގައި (23 މާޗް އިން 30 މާޗް އަށް) ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ 11:00 އިން މެންދުރުފަހު 2:00 އަށް ޒަކާތް ބަލައިގަނެ އެވެ.
ފިތުރު ޒަކާތް ދެއްކޭނެ ގޮތްތައް
ފިތުރު ޒަކާތް ދެއްކުމަށް ގިނަ އޮންލައިން ޕްލެޓްފޯމްތަކެއް ވަނީ ތަޢާރަފުކޮށްފަ އެވެ. މީގެ ތެރޭގައި ދިރާގު އެޕް އަދި ދިރާގު ޕޭ، އުރީދޫގެ އެމް ފައިސާ، އެމްއައިބީގެ ފައިސާ މޯބައިލް އެކްސް، ބީއެމްއެލް މޯބައިލް، ފަހިޕޭ އަދި ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޭ، ވެބްސައިޓް އަދި ޕޯޓަލް ހިމެނެ އެވެ.
ރަމަޟާން 1446 މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މޯލްޑިވްސް ޒަކާތު ހައުސް