ރަސްފަންނާއި ސަލްޓަންޕާކު ވީރާނާވަމުންދާ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށާއި، އެ ދެތަން ކުރިޔަށްވުރެވެސް ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިކަން ރައީސް ފާހަގަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ ރަސްފަންނާއި ސަލްޓަންޕާކުގެ މިހާރުގެ ހާލަތު ފެނިވަޑައިގަންނަވާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި މި ދެތަން ވީރާނާވަމުންދާކަން ފާހަގަކުރެއްވި އެވެ.
”މިއީ ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަނެއް،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ކުރިޔަށްވުރެވެސް ފުރިހަމަ ގޮތެއްގައި މި ދެތަން ތަރައްގީ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ.
ސަލްޓަން ޕާކާއި ރަސްފަންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ހުންނަވައިގެން ތަރައްގީކުރެއްވި ދެ ތަނެވެ. މި ދެތަނަކީ މާލޭގެ ރައްޔިތުންނަށް މުނިފޫހިފިލުވުމަށް ލިބިފައިވާ މުހިންމު ދެ ތަނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްފަންނު ސަލްޓަން ޕާކް