ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މިކަން ހާމަކޮސްފައި ވަނީ، ދުނިޔޭގެ ކެންސަރު ދުވަހައި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ، ކެންސަރު ބަލީގެ ވަރަށްގިން ވައްތަރުރަށް ހުންނަ ކަމަށާއި، މި ބައްޔަކީ ހަށިގަނޑުގެ އެކި ތަންތަނުގައި އުފެދިދާނެ ބައްޔެއް ކަމަށެވެ. އަދި ކެންސަރުގެ ޓިއުމަރުތަށް އުފެދިފައިވާ ސަރަހައްދުގެ ޓިޝޫތަކާއި ސެލްތަށް އެހެން ހިސާބުތަކަށްވެސް ފެތުރޭނެ ކަމަށެވެ.
މިބަލި ދުރާލައި ދެނެގަނެ ފަރުވާ ނުލިބިއްޖެ ނަމަ ނުވަތަ ފަރުވާއިން ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ހަށުގަނޑުގެ އެހެން ބައިތަކަށް ނުވަތަ ގުނަވަންތަކަށް ބަލި ފެތުރިގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކެންސަރ ބައްޔަކީ ދުނިޔޭގައި ދެވެނައައް އެންމެ ގިނައިން މަރުވާ ސަބަބު ކަމަށާއި، ދުނިޔޭގައި އަހަރަކު 10 މިލިޔަން މީހުން މި ބަލީގައި މަރުވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި މީގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ނުރަނގަޅު އެކި އާދަތަކުގެ ސަބަބުން ކެންސަރުބަލި ޖެހި މަރުވާ މީހުންނެވެ.
އެޗްޕީއޭއިން ބުނީ، ކެންސަރު ޖެހުމަށް މަގުފަހިވަނީ ދިރިއުޅުމުގެ ވައްޓަފާޅިޢާއި ގުޅުންހުރި ހިރާސްތަކުގެ ސަބަބުން ކަމަށާއި، އެހެންކަމުން މިފަދަ އަމަލުތަކުން ދުރުވުމާއި ކެންސަރުބަލި ދުރާލައި ދެނެގަތުމަށް ސްކްރީން ކުރުމަކީ ބަލިޖެހުމުގެ ފުރުސަތު ހަނިކޮށް އަދި ބަލި ޖެހިފައިވާނަމަ ބައްޔަށް އަވަހަސް ފަރުވާ ހޯދައި ބަލި ރަނގަލުވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.
