މިމަހު 17 ގެ ފަހުން ލައިސަންސް ނެތި ދުންފަތް ވިއްކުން މަނާވާނެ

Advertisement

އެންމެ ފަސް

Advertisement

މި މަހުގެ 17 ވަނަ ދުވަހުގެ ފަހުން ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްކުރުން މަނާވާނެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމަށާއި ރީ-އެކްސްޕޯޓް ކުރުމަށާއި ރާއްޖޭގައި ވިއްކުމަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން އާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާގުޅޭ އާއްމު ގަވާއިދުގެ ދަށުން ދުންފަތުގެ ވިޔަފާރި ކުރުމަށް ވަކި ލައިސަންސެއް ނަގަންޖެހޭ ކަމަށެވެ.

ދުންފަތުގެ ވިޔަފާރި ކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުން ވަންގަވް ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ ހޯދުމުގެ ފުރުސަތު މި އަހަރުގެ އެޕްރީލް 17 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ވަނީ ހުޅުވާލާފަ އެވެ.

އެޗްޕީއޭއިން ބުނީ، އެ މުއްދަތު ހަމަވާ ތާރީހަކީ ޖުލައި މަހުގެ 17 ވަނަ ދުވަސް ކަމަށެވެ. އެ ތާރީހަށް ފަހުގައި ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަން ހަނދާންކޮށްދީފައިވެ އެވެ.

އެހެންކަމުން ގާނޫނު ލާޒިމުކުރާ ލައިސަންސް ނެގުމަށް ހަނދާން ކޮށްދޭ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

ދުންފަތުގެ ނޭދެވޭ އަސަރުތަކުން މުޖުތަމައު ސަލާމަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފަ އެވެ. އެގޮތުން 1 ޖަނަވަރީ 2007 ގައި އަދި އޭގެ ފަހުން އުފަންވެފައިވާ ފަރާތްތައް ދުންފަތްބޭނުންކުރުން މަނާކުރުމަށް ޤާނޫނު ވަނީ ފާސްކޮށްފަ އެވެ.

މި ގާނޫނުގެ ދަށުން 21 އަހަރު ނުފުރޭ މީހުނަށް ވެސް ދުންފަތް ވިއްކުން މަނާކޮށްފައިވާއިރު، މި ގާނޫނު ފާސްވުމުން އުމުރުން 21 އަހަރު ވެފައިނުވާ މީހަކަށް ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް ވިއްކާ ފިހާރައެއްގެ ސޭޓަކަށް އިނުން ނުވަތަ ވިޔަފާރީގެ އެހެން މުއާމަލާތެއް ކުރުމުގައި ބައިވެރިވުން ވެސް މަނާ ވާނެ އެވެ.

މީގެ އިތުރުން މި އިސްލާހުގައި ވަނީ ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަކޮށްފައިވާ މެޝިނަރީއާއި އާލާތްތައް ރާއްޖެ އެތެރެ ކުރުމަކީ މަނާކަމެއްކަމުގައި ކަނޑައަޅާފަ އެވެ. އަދި މިފަދަ މެޝިނަރީތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށްޓަކައި، ދުންފަތް އޮޅާ ކަރުދާހަށް ދުންފަތް އެޅުމަށްފަހު އެ އޮޅައި، ސިނގިރޭޓު ނުވަތަ ބިޑިއެއް ނުވަތަ އެފަދަ އެއްޗެއްގެ ސިފައިގައި ބަންދުކޮށް ޕެކް ކުރާ މެޝިނަރީވެސް ހިމެނޭކަމަށް ބަޔާންކޮށްފައިވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ