މެނިންގްކޮކަލްގެ ކޮންޓްރެކްޓް ޓްރޭސިން ނިންމާލާފައިވާ ކަމަށާއި އާ ކޭސްއެއް ފެނިފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިފަހުން ވަނީ ރާއްޖެއިން މި ބަލި ފެނިފައިވާ ކަން ހާމަކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބަލި ޖެހުނު މީހާ މެލޭޝިއާއިން އަނބުރާ އައިއިރު ހުސް އައިސްފައި ހުރުމުން ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގޮސްފަ އެވެ. އަދި ހޮސްޕިޓަލަށް ދިޔަތާ މާގިނައިރުތަކެއް ނުވެ ނިޔާވެފައިވެ އެވެ.
”ޖަވިޔަނި“ އަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭއިން ބުނީ މި ފަރާތާއީ ކޮންޓެކްޓްވި އެއްވެސް ފަރާތެއް އަދި މި ބަލީގެ އަލާމާތެއް ފެނިގެން ރިޕޯޓުކޮށްފައިނުވާ ކަމަށެވެ. އަދި އިތުރު ކޭސްއެއްވެސް އަދި ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ.
މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.
އެޗްޕީއޭއިން ބުނީ މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދޭ ކަމަށެވެ. މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގަ އެވެ. މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމެވެ.