ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 1.3 މިލިއަން ރުފިޔާ ހޭދަވެފައިވާކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފި އެވެ. މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް އޮފީހުން މިއަދު އާންމުކުރި މަޢުލޫމާތު ކަރުދާހުގައިވާ ގޮތުން، ޖެނުއަރީ 13 އިން 17 އަށް ކުރެއްވި މި ދަތުރުފުޅަށް ޖުމްލަ 1،371،069.18 ރުފިޔާ ހޭދަވެފައިވެއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ޑިޖިޓަލް އިނޮވޭޝަން، ސައިބަރ ސެކިއުރިޓީ އަދި އީ-ގަވަރނަންސްގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމެވެ.
ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި ތިން މުހިންމު ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި މަޢުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެށި އަދި ހަކަތައިގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއް ހިމެނެއެވެ. މީގެއިތުރުން، ދެ ޤައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމަށާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެއްބާރުލުން ދިނުމަށްވެސް ވަނީ ފަހުމުނާމާގައި ސޮއިކުރެވިފައެވެ.
”ރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ހަޤީޤަތަކަށް ހެއްދެވުމަށް، މި ދަތުރުފުޅުގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވޭ،“ ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި ސިއްޙަތާއި ތަޢުލީމީ ދާއިރާގެ އިތުރުން، ދަތުރުފަތުރު، އިއާދަކުރަނިވި ހަކަތަ، ސްމާޓް ގްރިޑް އަދި ސެކިއުރިޓީގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި އިތުރު ފުރުޞަތުތައް ހޯދުމަށް މަޝްވަރާކުރެވުނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް ރާއްޖެ - އެސްޓޯނިއާ
