އަންހެން ނޫސްވެރިންނަށް ފުރައްސާރަކުރާ މައްސަލަ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުށްވެރިކޮށްފި އެވެ.
އެމްޖޭއޭ އިން މިކަން ހާމަކޮސްފައި ވަނީ، އެ އެސޯސިއޭޝަން އިން މިއަދު ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ، އަންހެން ނޫސްވެރިންނަށް ފުރައްސާރަކުރަމުންދާތާ ދެތިން މަހެއްވެދާނެ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ގިނަވެ އޭގެ ތެރެއިން ހަތަރު މައްސަލަ އެ އެސޯސިއޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށްވެސް އެމްޖޭއޭއިން ބުނެފައިވެ އެވެ.
އެމްޖޭއޭ އައް ހުށަހަޅާފައި ހުރި މައްސަލަތަކުގެ ތެރޭގައި:
- ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިވެންޓްތައް ކަަވަރުކުރާތީ، ސަންގު ނޫހުގެ ނުސްވެރިޔާ ފާތިމަތު މަދަދާއަށް ފުރައްސާރަކުރާ މައްސަލަ
- ރިވާޔާ ނޫހުގެ އެޑިޓަރު އާއިދާ އަބްދުލް ހަކީމް ވިޔަފާރިވެރިއަކާ ކުރި ސުވާލަކާ ގުޅިގެން އޭނާއަށް ވެސް ފުރައްސާރަކުރި މައްސަލަ
- މިހާރުގެ ނޫސްވެރިޔާ އާާސިމާ ނިޒާރު ލިޔުނު ލިޔުމަކާ ގުޅިގެން އޭނާއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަަލަ
- ސަންގު ޓީވީގެ ނޫސްވެރިޔާ ލައިޝާ އަހުމަދު އެއް ޖިންސުން ގުޅުން ހިންގުމާ ދެކޮޅަށް ވާހަކަ ދައްކައިގެން ބަޔަކު އޭނާއަށް ފުރައްސާރަކުރި މައްސަލަ
- އަސްލު ޓީވީގެ ނޫސްވެރިޔާ ޝާމާ ޝުއައިބް ސީނެއްގައި ހުއްޓައި ފުލުހުން ގޮސް އޭނާ ހުއްޓުވުމަށް ފަހު ފޯނުން ފޮޓޯއެއް ޑިލީޓްކުރުވި މައްސަލަ
އެފަދަ މައްސަލަތައް އިތުރުވަމުން ދާތީ ކަންބޮޑުވުން ފާޅުކޮށް އެމްޖޭޭއޭއިން ބުނީ އަންހެން ނޫސްްވެރިންނާ ޒާތީ ގޮތުން ޖައްސާލައި އެ މީހުންނަށް ފުރައްސާރަކުރުމަކީ އެއްގޮތަަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެފަދަ ކަންކަމާ ހުރެ އަންހެނުން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުންނަން ފަސް ޖެހޭނެ ކަން ފާހަގަކޮށް އެމްޖޭއޭއިން ވަނީ އެފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ބަލައި އެކަންކަން ހުއްޓުވަން މަސައްކަތް ކުރަން ވެސް ގޮވާލައިފަ އެވެ.
