މީޑިއާ ބިލް ބޭރުކޮށްލުމަށް ގޮވާލާ 150 އަށްވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ޕެޓިޝަނެއް

Advertisement

އެންމެ ފަސް

Advertisement

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ބޭރުކޮށްލުމަށް ގޮވާލާ 150 އަށްވުރެ ގިނަ ނޫސްވެރިން ސޮއިކޮށް ޕެޓިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅައިފި އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އެވެ. އެ ބިލް މަޖިލީހަށް ބަލައިގެންފައިވާއިރު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިހާރު އަންނަނީ ބިލް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ބިލް ބޭރުކޮށްލުމަށް ގޮވާލާ 151 ނޫސްވެރިން ސޮއިކުރި ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ހުށަހަޅާފައިވަނީ މިއަދު އެވެ.

މި ޕެޓިޝަންގައި ބުނެފައިވަނީ، މަޖިލީހަށް ހުށަހަޅާފައިވާމޯލްޑުވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލުގައި ބަޔާންކޮށްފައިވާ ގޮތަށް މީޑިއާގެ ރެގިއުލޭޓަރީ ނިޒާމު އިންތިޒާމްވުމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސައިގެން ގޮސް, ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ އެތައް ދަރަޖައެއް ފަހަތަށް ފުރޮޅިގެންދާނެ ކަމެއް ކަމަށެވެ.

މި ބިލުން ނޫސްވެރިކަމުގެ ދާއިރާގެ އަސާސީ ހައްގުތައް ވަރަށް ބޮޑަށް ހަނިވެގެންދާއިރު ބިލް ޑްރާފްޓުކުރުމުގައި ނަމޫނާއަކަށް ނެގި ގައުމުތަކުގައި ވެސް ނޫސްވެރިކަމުގެ ދާއިރާ ބެލެހެއްޓުމަށް ސެލްފް ރެގިއުލޭޓަރީ ބޮޑީތައް އޮންނަ ކަން ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.

”ބިލު ފަރުމާކޮށްފައިވަނީ ނޫސްވެރިންނަށް މިނިވަން ކަމާ އެކު، އެ މީހުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރެވޭނެ ގޮތަކަށް އެ ފަރާތްތަކުގެ ޒިންމާ އިންތިހާއަށް ހަނިކޮށް ވަކި ބަޔަކަށް ނޫސްވެރިން ކުރާ މަސައްކަތްތަކަށް ބާރު ފޯރުވޭ ގޮތަށް ކަމަށްވާއިރު އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ނުޖެހި މައުލޫމާތުތައް ފުޅާ ދާއިރާއެއްގައި އާންމުންނާ ހަމައަށް ގެނެސް ދިނުމަށް މިހާރަށް ވުރެ ވެސް ބޮޑަށް ނޫސްވެރިންނަށް ދަތިވެ ނޫސްވެރިކަން ކުރުމަށް އުނދަގޫ މާހައުލެއް އުފެދިގެންދާނެ ކަން ފާހަގަކޮށް; އަދި, ކޮމިޝަނުން މައްސަލަ ބަލަމުން ދާ ވަގުތު ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން ނޫސްތަކަށް ޓާގެޓުކޮށް ވަކި މުއްދަތެއް ނެތް ގޮތަށް، ނޫސް އިދާރާތައް ބަންދުކުރުމުގެ ފުރުސަތު އޮތް އިރު, ސަރުކާރު ޖަވާބުދާރީކުރުވުމާއި ޒިންމާދާރުކުރުމަށް ވެސް މި ބިލުން ނޫސްވެރިންނަށް ވަރަށް ބޮޑަށް ވަނީ ހަނިކޮށްފައިވާ ކަން ފާހަގަކޮށް،“ ޕެޓިޝަންގައި ބުނެފައިވެ އެވެ. 

ޕެޓިޝަންގައި ބުނެފައިވަނީ މި ބިލުގެ ސަބަބުން ގާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގެ އިތުރުން މި ހައްގުތަކާއި ގުޅިފައިވާ އެތައް މަދަނީ އަދި ސިޔާސީ ހައްގަކަށް އުނިކަން ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން މި ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލާފައިވެ އެވެ.

މި ބިލުގައި އޮތީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ ތިން މެންބަރުންނަކީ ރައީސް އައްޔަނުކުރާ މެންބަރުން ކަމަށެވެ. އަދި 4 މެންބަރުން ނޫސްވެރިން އިންތިހާބުކުރާ ގޮތަށެވެ. ކޮމިޝަންގެ ރައީސް އައްޔަނު ކުރުން ރައީސުލްޖުމްހޫރިއްޔާ އަށް ދީފައިވާއިރު ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް މި ބިލުގައި ވަނީ ދީފަ އެވެ. މީގެއިތުރުން ކޮމިޝަނަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެ މައްސަލައެއްގެ ތަހުގީގު ނުނިމެނީސް އަދި މައްސަލަ ބަލާ ނިމެންދެން މީޑިއާ ރަޖިސްޓްރީ ބާތިލުކުރެވިދާނެ ކަމަށެވެ. އަދި، ޤައުމީ ސަލާމަތާއި އާއްމު ނިޒާމު ނުވަތަ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ”ބެލެވިދާނެ ހާލަތު“ގައި ދައުލަތުގެ އިދާރާތައް މެދުވެރިކޮށް މީޑިއާ ވަސީލަތެއް ހުއްޓުމަކަށް ގެނެވިދާނެ ކަމަށްވެސް ބުނެފައިވެ އެވެ. މި ބިލުގެ 60 ވަނަ މާއްދާގައި ބުނަނީ ބިލުގައި ނޫހާ ގުޅޭ ގޮތުން ބަޔާން ކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާއަށް ހިނގާނެ ކަމަށެވެ. އަދި ނޫސްވެރިންނާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށް (ސޯޝަލްމީޑިއާގައި އުޅޭ މީހުންނަށް) އެ މީހުންނާގުޅޭ ނިސްބަތަކަށް ހިނގާނެ ކަމަށެވެ.

ނޫސްވެރިކަން މީޑިއާ ބިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ